ޚަބަރު

ޓްރެފިކް ގަވާއިދާ ޚިލާފުވާ ފަރާތްތައް މިހާރުދަނީ މަދުވަމުން - ފުލުހުން


ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތައް މިހާރު މަދުވަމުންދާކަން ފާހަގަވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ. ފުލުހުން މިހާރުދަނީ ޓްރެފިކް ޤަވާޢިދާ ޚިލާފުވާ ފަރާތްތަކުގެ ތަފާސްހިސާބު ހަފްތާއަކު އެއްފަހަރު ޢާއްމުކުރައްވަމުންނެވެ.

ސިނަމާލެ ބްރިޖު ހުޅުވިފަހުން ހަފްތާ ބަންދުގައި މާލެއިން ހުޅުމާލެއަށްދާ މީހުން އިތުރުވެފައިވާއިރު ލައިސެންސް ނެތި ކުޑަކުދިން އުޅަނދުތައް ދުއްވާކަން ފާހަގަވެފައިވާކަމަށް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ވިދާޅުވެއެވެ. އަދި ލައިސެންސް ނުލައި ދުއްވާ މީހުން އިތުރުވެފައިވާކަން ފާހަގަވެފައިވާތީ އެކަން ކޮންޓްރޯލްކުރުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ބުރިޖާއެކު މާލެއިން ހުޅުމާލެއަށްދާ މީހުން އިތުރުވެފައިވާއިރު ޓްރެފިކް ގަވާއިދާ ޚިލާފުވާފަރާތްތައްވެސް ވަނީ އިތުރުވެފައެވެ. ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުންފެށިގެން 23ވަނަ ދުވަހާހަމައަށް 752 މީހަކު ލައިސެންސް ނެތި ދުއްވާފައިވާކަން ރިކޯޑުކުރެވިފައެވެ. އަދި ފުލުހުންގެ އޮޕަރޭޝަންސްތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން މިޢަދަދު މަދުވާން ފަށާފައިވާކަންވެސް ފުލުހުންވަނީ ފާހަގަކުރައްވައެވެ. އެގޮތުން ފެބްރުއަރީ 23ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 1ވަނަ ދުވަހާހަމައަށް ލައިސެންސް ނެތި ދުއްވާފައިވަނީ 258 މީހުންކަމަށް ވަނީ ރިކޯޑުކުރެވިފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ޓްރެފިކް ޑިޕާޓުމަންޓުގެ ޑެޕިއުޓީހެޑް ސަބް އިންސްޕެކްޓަރ އަޙްމަދު ވަޙީދު ވިދާޅުވީ ޓްރެފިކް ގަވާއިދާ ޚިލާފުވާ ފަރާތްތައް ދެނެގަތުމަށް ފެށި ޚާއްސަ އޮޕަރޭޝަނަނާގުޅިގެން ޤަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ނިސްބަތް މަދުވަމުންދާކަން ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ. އަދި ހަފްތާ ބަންދިމާކޮށް އިތުރު އޮޕަރޭޝަންތަކެއް ހިންގާކަމަށް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.

މަގު ހުސްކޮށް އޮންނަތަން ފެނުމާގުޅިގެން ބައެއްފަހަރު ސްޕީޑު ހަމާ ބާރުވެގެންވެސް އެބަދޭ. އެހެންވީމަ އެއީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަންޖެހޭކަމެއް. އޭގައި ވިސްނަންޖެހޭނެ ކަމަކީ ކުރިން ފާހަގަކުރިގޮތަށް އަޅުގަނޑުމެނަށް އެކްސިޑެންޓެއް ދިމާވިޔަސް ގެއްލުން މިވަނީކީ ހަމައެކަނި ދުއްވާ މީހާއަކަށް ނޫން. އެހެން ފަރާތްތަކަށްވެސް އެގެއްލުން އެބަލިބިގެންދޭ. އޭގެތެރެއިން ބައެއް ގެއްލުން ތަކަކީ އިޔާދަނުކުރެވޭ ގެއްލުންތައް." އަޙްމަދު ވަޙީދު ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެއާއި ސިނަމާލޭ ބުރިޖާއި ހައިވޭ މަތީގައި ދުއްވާއިރު ކަނޑައަޅާފައިވާ ޓްރެފިކް ޤަވާއިދުތަކާއެއްގޮތަށް މަގު ބޭނުންކުރާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށް ފުލުހުން މަސައްކަތްކުރައްވަމުންގެންދަވާކަމަށް ފުލުހުން ވިދާޅުވޭ. އެގޮތުން ބާރުސްޕީޑުގައި ދުއްވާ ފަރާތްތައް މަޑުކުރުވާ ބަލަން ފެށިފަހުން ބާރު ސްޕީޑުގައި ދުއްވުން މަދުވެފައިވާކަމަށް ފުލުހުން ވިދާޅުވޭ. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެކްސިޑެންޓުތައް މަދުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ.