ޚަބަރު

ރޮނާލްޑޯ ނުލައި ޔުވެންޓަސް މޮޅުވެއްޖެ.


ސީޒަން މުޅިން އަލަށް ފުރަތަމަ އެގާރައިގައި ހިމެނުނު މޮއިސް ކީންގެ ދެ ގޯލާއެކު، ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ކުޅުނު މެޗް ޔުވެންޓަސްއިން ކާމިޔާބުކޮށްފިއެވެ.

މެޗް ޔުވެންޓަސްއިން ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. 19 އަހަރުގެ ކީން ވަނީ މެޗްގެ އެގާރަ ވަނަ މިނެޓްގަ ޔުވެންޓަސްއަށް ލީޑް ނަގައިދީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެ ލީޑް ފުޅާވެސް ކޮށްދީފައެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑަކީވެސް ކީންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެންލްޓީއަކުން އެމްރޭ ކޭން ކާމިޔާބުކޮށްދިން ގޯލެކެވެ. ޔުވެންޓަސްގެ ފަހު ގޯލް ޓީމަށް ކާމިޔާބުކޮށްދިނީ ބްލޭޒް މެޓުއިޑީއެވެ. އުޑިނީޒްގެ ހަމައެކަނި ގޯލް ޓީމަށް ކާމިޔާބުކޮށްދިނީ ކެވިންއެވެ. މެޗް ނިމެން ކައިރިވެފައިވަނިކޮށް ޒުވާން ކުޅުންތެރިޔާ، ކީން، ބަދަލުކުރުމުން ޔުވެންޓަސްގެ ސަޕޯޓަރުން ވަނީ އޭނާގެ ހިތްވަރަށް ބޮޑު ތަރުހީބެއް ދީފައެވެ.

އުޑިނީސް އާ ވާދަކުރި މެޗްގައި ކްރިސްޓިއާނޯ ހިމަނާފައި ނުވަނީ ޗެމްޕިއަންސް ލީގްގައި އެތްލެޓިކޯ މެޑްރިޑާ ވާދަކުރާ މެޗްގެ ކުރިން ކްރިސްޓިއާނޯ އަށް އަރާމު ކުރަން ވަގުތު ދިނުމުމުގެ ގޮތުން ކަމަށް ބެލެވޭއެވެ. ޗެމްޕިއަންސް ލީގްގައި އެތްލެޓިކޯއާ ފުރަތަމަ ލެގްގައި ވާދަކުރި މެޗްގައި ދެ ގޯލްގެ ތަފާތުން ޔުވެންޓަސް ބަލިވެފައިވުމާއެކު ބުދަ ދުވަހުގެ ދެވަނަ ލެގްގެ މެޗް ވެފައިވަނީ ޔުވެންޓަސްއަށް މޮޅުވުން މަޖުބޫރު މެޗަކަށެވެ.