ޚަބަރު

ދަރިފުޅަށް 6 މަސް ނުވާ މައިންނަށް މިއަދު ފެށިގެން 6 މަހުގެ ޗުއްޓީ ލިބޭނެ


ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންގެތެރެއިން، އެމީހެއްގެ ތުއްދުދަރިފުޅަށް 6 މަސްނުވާ ކޮންމެ މަޔަކަށް މިއަދުންފެށިގެން މުސަރާއާއެކު 6 މަސްދުވަހުގެ "މެޓަރނިޓީ ލީވް" ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާއި ރެހެންދި އެވޯޑްދިނުމަށް މާލެއަތޮޅު މާފުށީގއި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެންމެ ފަހުގެ ބޯހިމެނުމުން ދައްކަަނީ ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ %63 އަކީ ފިރިހެނުންކަމަށާއި އަންހެނުންގެ ނިސްބަތަކީ އެންމެ %37 ކަމަށެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތް އެހާ ދަށްއިރު ވަޒީފާއެއް އަދާކުރަން ފެށުމަށްފަހު، ވަކިހިސާބަކުން ވަޒީފާ ދޫކޮށްލައި އަންހެނުންގެ ނިސްބަތް ވަރަށް މަތިކަމަށެވެ. އަދި އެ ޙާލަތު އަންހެނުންނަށް މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، އެހެން ނޫނީ، ދަރިއަކު ލިބޭ ހިސާބުންކަމަށާއި ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަން ޖެހިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަމަށާއި އެސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންކަމަށެވެ.

ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަން ފާހަގަކުރައްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަސައްކަތް ފަށައިގަންނަން ޖެހެނީ ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާލާ ހިސާބުންކަމަށެވެ. އަދި އެދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މަޔަކަށް މިއަދުން ފެށިގެން، މުސާރައާއި އެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބިގެންދާނެކަން ރައީސް ވަނީ ޢިއުލާންކުރައްވާފައެވެ. މީގެ އިތުރުން އެ ދަރިފުޅުގެ ބައްޕައަށް ވެސް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެކަމަށާއި މި ދުވަސްވަރު ވިހައިގެން އުޅޭ ދަރިފުޅަށް 6 މަސް ނުވާ ހުރިހާ ބެލެނިވެރިންނަށްވެސް މި ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން ޗުއްޓީ ލިބޭނެކަމުގެ އުފާވެރި ޚަބަރުވެސް ރައީސްވަނީ ދެއްވާފައެވެ.

"އެ ދަރިފުޅުގެ ބައްޕައަށް ވެސް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. މީގެ އިތުރުން، މިހާރު ވިހައިގެން އުޅޭ މައިންގެވެސް 6 މަސްނުވާ ދަރިން ތިބިނަމަ، އެކުދިންގެ އުމުރުން ހަމަސް ވަންދެން، އެކުދިންގެ މައިންބަފައިންނަށް ވެސް އެޗުއްޓީ މިއަދުން ފެށިގެން ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ސަރުކާރުގައި ވަޒީފާ އަދާކުރާ ކޮންމެ މަޔަކަށް މުސާރައާއެކު 6 މަސްދުވަހުގެ ޕެޓަރނިޓީ ޗުުއްޓީއެއް ދިނުމަކީ މިސަރުކާރުގެ ވަޢުދެކެވެ. މީގެކުރިން ވަޒީފާ އަދާކުރާ މައިންނަށް ވިހައިގެން ލިބެމުން އަންނަނީ ތިންމަސްދުވަހުގެ ޗުއްޓީއެކެވެ.