ޚަބަރު

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މަޤާމުގެ ފަތްކޮޅު އަރުވައިފި


އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސަންޖޭ ސުދީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އިންޑިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން އިންޑިއާއަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މަސްރަހުގައާއި ސަރަހައްދީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިންޑިއާ ސަރުކާރުންވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު ވަނީ ދެޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.