މަރުކަޒީ ބޭންކްގެ ގަވަރުނަރުގެ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުންވެސް ވަނީ ޔަޤީންކޮށްދީފައެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ގަވަރުނަރުގެ މައްސަލައެއް ތަޙްޤީޤްކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ މައްސަލައެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ގަވަރުނަރުގެ މައްސަލަ ހުށައަޅުއްވާފައިވަނީ، އެމްއެމްއޭގެ ފައިނޭންސް އިންޓަލިޖަންސް ޔުނިޓުގެ ކުރީގެ ވެރިއަކަށް ހުންނެވި، ޢަބްދުﷲ އަޝްރަފެވެ. އޭނާ މި މައްސަލަ ހުށައަޅާފައިވަނީ، ކުރީގެ ރައީސް ޔާމީނުގެ ލޯންޑަރިންގ މައްސަލަ ފުލުހަށް ހުށައެޅުމާއި ގުޅިގެން، ގަވަރުނަރު ނަސީރު އިސްކޮށް ހުންނަވައިގެން އަޝްރަފު މަޤާމުން ވަކިކުރުމުންނެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށްވެސް ހާޒިރުކޮށްފައެވެ.