އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަޤާމުން ވަކިކުރުމަށް ގޮވާލައި ތައްޔާރުކުރާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އޭސީސީގެ މެންބަރުން މަޤާމުން ވަކިކުރުމަށް ގޮވާލައި، "ރައްޔިތުންގެ ޕެޓިޝަން" މިނަމުގައި ތައްޔާރުކުރާ މިޕެޓިޝަންގައި ގިނަ ޢަދަދެއްގެ ބަޔަކުދަނީ ސޮއިކުރަމުންނެވެ.
މިޕެޓިޝަންގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރައްވައި، އޭސީސީގެ މެންބަރުން ޒިންމާއަދާ ކުރުމަށް ވާރުއެޅުމަށް ގޮވާލާފައެވެ. މިއީ އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން އެމައްސަލަ ބައްލަވައި އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުނާޅުއްވައި އެކަމަށް އިހުމާލު ވެފައިވާކަމަށް ބުނެ ހުށައަޅާ ޕެޓިޝަނެެކެވެ.
އަދި ޤާނޫނުން ބޮޑެތި ބާރުތަކެއް ދެވިފައިވާ އެހާމެ މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރަން ޖެހޭކަމަށް ބުނާ ކޮމިޝަނެއްގެ މެންބަރުންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭކަން މި ޕެޓިޝަންގައި ފާހަގަކޮށްފއިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
މި ޕެޓީޝަންގައި މިހާތަނަށް ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. މިފަދަ ޕެޓިޝަނެއް ހުށައެޅުމަށް ތައްތާރުވަމުން މިދަނީ ރައީސް ޞާލިޙްގެ ސަރުކާރުން ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވެފައިވުމާއެކު، ދައުލާތުގެ މުހިންމު އަދި ކޮރަޕްޝަނާގުޅޭ މައްސަލަތައް ބަލާ ކޮމިޝަންގެ މެމްބަރުންނާމެދު ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ.
މިޕެޓިޝަން މިހަފްތާގެތެރޭގައި މަޖިލީހަށް ވެއްދުމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
އޭސީސީގެ މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލުއުފައްދައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތްކުރާއިރު، އެކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއާއި އިތުބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިންގއަށް ތުހުމަތުކުރެވޭގޮތަށް މާލީ މުޢާމަލާތްތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން މިހާރުވަނީ ތަޙްޤީޤްކުރަން ފަށާފައެވެ.