ޚަބަރު

"ޕޭޝަންޓް ސޭފްޓީ"ގެ 4ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގެންފި


"ޕޭޝަންޓް ސޭފްޓީ"ގެ 4ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބާއްވާ މިބައްދަލުކުރެއްވުން އޮންނަނީ މިމަހުގެ 2އިން 3އަށެވެ. މިބައްދަލުވުމުގައި ބަލިމީހުންގެ ރައްކާތެރކަން ކަށަވަރުކުރުމަށް ޤައުމުތައް އަހުލުވެރިކުރުވައި ޤައުމުތަކުން މިހާރުކުރަމުންދާ މަސައްކަތްތައް އިތުރަށްހަރުދަނާ ކުރުމުގެ އިތުރުން އެކި ޤައުމުތަކުން އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މިބައްދަލުވުމުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ. އެކި ޤައުމުތަކުން 31 ހެލްތް މިނިސްޓަރުންނާއި 49 އަކަށްވުރެ ގިނަ ޤައުމުތަކުގެ ސިއްޙަތާއި ބެހޭ ދާއިރަގެ އިސްވެރިން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިބައްދަލުވުމުގައި ޤައުމުތަކުން ކުރަން ނިންމާފައިވާ ކަންކަމާއި ޙާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް އެކުލެވޭ މުއާޙަދާ "ޖިއްދާ ޑިކްލަރޭޝަން އޮން ޕޭޝަންޓް ސޭފްޓީ"ގައި ޤައުމުތަކުން ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ.