ޚަބަރު

ރައްޔިތުންނާއި ގާތުން ފުރިހަމަ ޚިދުމަތްތަކެއް ލިބުމަކީ މިއަދު ޤައުމަށް ބޭނުންވެފައިވާ މުހިންމު އެއްކަންތައް- ހޯމް މިނިސްޓަރ


ރަށްރަށުގެ ރައްޔިތުންނާއި ގާތުން ފުރިހަމަ ޚިދުމަތްތަކެއް ލިބުމަކީ މިއަދު ޤައުމަށް ބޭނުންވެފައިވާ އެންމެ މުޙިންމު އެއްކަންތައް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ދ.އަތޮޅު ކައުންސިލްގެ އާ އިމާރާތް ހުޅުވުމަށް ދ.ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަތޮޅުކައުންސިލްގެ އިމާރާތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމެއް ކުރިއަރާ ތަރައްޤީވެގެންދާނީ އެޤައުމެއްގައި ދިރިއުޅޭ ރައްޔިތަކު ކުރިއަރާ ތަރައްޤީވުމަށް މަގުފަހިކުރެވޭ މިންވަރަކުން ކަމަށެވެ. އަދި މުޅި ޤައުމުގެ ތަރައްޤީއާއި، ޤައުމުގެ ކުރިއެރުމާއި، ކުރިމަގަށް ވިސްނާފިކުރު ކުރާއިރު މިފަދަ ކަންކަމަކީ ކުރިމަގަށްޓަކައި އަލިކުރެވިގެންދާ ބައްތިތަކެއް ފަދަ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖޭގައި މިއަދު ލާމަރުކަޒީ ނިޒާމް އުފަންކުރެވި، ބިނާކުރެވި ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާހިނދު، އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގާތުން ފަސޭހަ ފުރިހަމަ ޚިދުމަތްތަކެއް ދިނުމީ މިއަދު އަޅުގަނޑުމެންގެ ޤައުމު އެންމެ ބޭނުންވެފައިވާ އެންމެ މުޙިއްމު އެއްކަންތައް "މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ވަނީ އަލަށް ހުޅުވުނު ދ.އަތޮޅު ކައުންސިލްގެ އިމާރާތަކީ އެ އަތޮޅަށާއި އެ ޞަރަހައްދަށްވެސް މުޙިއްމު ބިނާއެއްކަން ފާހަގަކުރައްވައި އެތަނުން އެކަށީގެންވާ ފުރިހަމަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަލަށް އިމާރާތްކުރި ދ.އަތޮޅު ކައުންސިލްގެ އާއިމާރާތަކީ 1000 އަކަފޫޓްގެ ދެބުރި އިމާރާތެކެވެ. އިމާރާތަށް 6.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.