ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީކުރުމަށް ސަރުކާރުން ހުޅުވުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކަށް މަރުކަޒީ ބޭންކުން ލައިސަންސް ދީފިއެވެ.
އެމްއެމްއޭއިން ބުނީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިންގ ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިންގ ބިޒްނަސް ލައިސަންސް މިއަދު އެއޮތޯރިޓީން ދޫކޮށްފައިވާ ކަމަށެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ، %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް %5 ގެ ހިއްސާ ހިމެނެއެވެ.
އެމްއެމްއޭއިން ބުނީ، މި ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ އޮތޯރިޓީން ދެކޭކަމަށެވެ.