ސީފުޑް ކައިގެން ހާލު ސީރިއަސްވެގެން އޭޑީކޭގައި ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެއެވެ. މަރުވެފައިވަނީ ގއ.ދާންދޫ ޢުމުރުން 25 އަހަރުގެ ފާޠިމަތު ހަނާއެވެ. އޭނާ މަރުވެފައިވަނީ މިއަދު ހަވީރުކަމަށް އޭޑީކޭއިން ބުނެއެވެ. ހަނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްޢަދުގެ ދަރިކަނބަލެކެވެ.
ހަނާގެ ޙާލު ސީރިއަސްވެފައިވަނީ މިދިޔަ ހުކުރުދުވަހު މާލޭގެ ރެސްޓޯރަންޓަކުން ސީފުޑް ކެއުމުންކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އޭނާއަކީ ސީފުޑަށް އަބަދުވެސް އެލާޖިކްވާ މީހެއްކަމަށް ޢާއިލާއިން ބުނެއެވެ. ހުކުރު ދުވަހުގެރޭ ސީފުޑް ކައިގެން ހަނާގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި އައީ ފަރުވާދެމުންނެވެ.
ހަނާއާއެކު ސީފުޑް ކެއި އޭނާގެ ރަޙްމަތްތެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ އެއީ ރެސްޓޯރެންޓްގެ އިޙުމާލެއް ނޫންކަމަށްވެސް ހަނާގެ ޢާއިލާއިން ބުނެއެވެ.