ޚަބަރު

ސުލްޙަވެރިކަމުގެ ޢަމަލެއްގެ ގޮތުން ވިންގް ކޮމާންޑަރ އަބިނަންދަން މިނިވަންކުރަން ނިންމައިފި


އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އިތުރުވަމުންދާ ނުތަނަވަސް ކަން ހުއްޓުވުމަށް އެހީތެރިވެ، ސުލްޙަވެރިކަމުގެ ޢަމަލެއްގެ ގޮތުން، ޕާކިސްތާނުން ހައްޔަރުކުރި އިންޑިޔާގެ ޕައިލެޓު މިނިވަންކުރަން ނިންމާފައިވާކަމަށް ޕާކިސްތާނުން ހާމަކޮށްފިއެެވެ.

އިންޑިޔާއިން ބުދަ ދުވަހު ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަތް އިންޑިޔާގެ ދެ މަތިންދާބޯޓު ޕާކިސްތާނުން ވައްޓާލާފައިވާއިރު، އެއް މަތިންދާބޯޓު ވެއްޓުނީ ޕާކިސްތާނުގެ ބިމުގެ ސަރަޙައްދަށް އަދި އަނެއް މަތިންދާބޯޓު ވެއްޓުނީ އިންޑިޔާގެ ބިމުގެ ސަރަޙައްދަށެވެ. ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވަނީ ޕާކިސްތާނުގެ ބިމުގެ ސަރަޙައްދަށް ވެއްޓުނު މަތިންދާބޯޓުގެ ޕައިލެޓް، ވިންގް ކޮމާންޑަރ އަބިނަންދަން ވަރްތަމަންއެވެ.

މި މައްސަލައާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، ވިންގް ކޮމާންޑަރ އަބިނަންދަން ހުކުރު ދުވަހުގެ ވަގުތެއްގައި މިނިވަންކުރައްވާނެކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ވިންގް ކޮމާންޑަރ އަބިނަންދަން މިނިވަންކުރައްވަނީ ސުލްޙަވެރިކަމުގެ ޢަމަލެއްގެ ގޮތުގައިކަމަށެވެ.

ބޮޑުވަޒީރު އިމްރާން ޚާން ވަނީ، ދެ ޤައުމުން އިތުރު އަސްކަރީ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި މަޝްވަރާގެ އުޞޫލުން ޙައްލެއް ހޯދަންކުރާ މަސައްކަތުގައި އެ ޤައުމުން ބައިވެރިވާނެކަމަށް ވިދާޅުވެ އިންޑިޔާއަށް މަޝްވަރާކުރުމަށް ދަޢުވަތު ދެއްވާފައެވެ.