އިއްޔެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް "ޑެމޭޖް އެސެސްމެންޓް"އެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުވުމުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން، ވާރޭ ވެހުން ހުއްޓާލާފައި އޮތްނަމަވެސް މެންދުރުފަހުގެ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ދެކުނުގެ އަތޮޅުތަކަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.
އިއްޔެ ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކުގެ މަޢުލޫމާތު ކައުންސިލްތައް މެދުވެރިކޮށް، އެއްކުރުމުގެ މަސައްކަތް މިހާރުކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިއްޔެގެ ވިއްސާރައިގައި ލ.ގަމުގެ 17 ގެއަކަށް ފެންވަދެފައިވާއިރު އިސްދޫގެ 42 ގެއަކަށްވަނީ ފެންވަދެފައެވެ. އަދި ދިރިނޫޅެވޭ ވަރަށް ފެނުގެ އަސަރުކޮށްފައިވާ 8 ގެއެއްގެ މީހުން އެހެން ގެތަކަށް ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން ގދ.ތިނަދޫގެ 31 ގެއަކަށް ފެންވަދެގެން ފުލުހުންނާއި ސިފައިނާއި އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު ވަނީ ފެންހިންދުމުގެ މަސައްކަތްކޮށްފައެވެ. އަދި ގޭގެއަށް ފެންވަނަނުދިނުމަށް ވެލި ބަސްތާޖެހުންފަދަ ކަންކަންވެސް ކޮށްފައިވެއެވެ.
ހިސާން ވިދާޅުވީ މިހާރުކުރަމުންދަނީ ފެންވަދެ ގެއްލުންވިގެތަކަށް ވެފައިވާ ގެއްލުމުގެ ތަފްސީލު އެއްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
"މިއަދު މިދެއަތޮޅުތަކުގެ އަޕްޑޭޓަށް ބަލާއިރު ލ.އަތޮޅާއި ގދ.އަދި ގއ. އަތޮޅަށް މިހާރު ވާރެއެއް ނުވެހޭ. އުޑުމަތި ބަނަކޮށް އޮތްނަމަވެސް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މިއަދު މެންދުރުފަހު ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ. ގދ.ތިނަދޫ އަދި ލ.އަތޮޅުގެ ރަށްރަތަކުގެ މަޢުލޫމާތު އަޅުގަނޑުމެން ދިންނަމަވެސް ގދ.އަތޮޅުގެ އެހެން ރަށްތަކުންވެސް ފެން ބޮޑުވެގެން އަޅުގަނޑުމެނަށްވަނީ ރިޕޯޓުކޮށްފައި." ހިސާން ވިޑާޅުވިއެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކަށް މިހާރުކުރަމުންދާ ވިއްސާރާގައި މެޓު އޮފީހުންވަނީ މ.އަތޮޅާއި ގދ.އަތޮޅާދެމެދުގެ ރަށްރަކަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި ވިއްސާރައިގައި ގެއްލުންވި ފަރާތްތައް ދެނެގަތުމަށް އެން.ޑީ.އެމް.އޭއިން އެއްކުރަމުންދާ މަޢުލޫމާތު ހޯދުމުގައި ކައުންސިލްތަކަށް އެއްބާރުލުން ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.