އިންޑިއާއިން ރާއްޖެއައި ދިވެއްސެއްގެއަތުން 2 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެއެވެ.
ކަސްޓަމްސް އިން މަޢުލޫމާތުދެއްވިގޮތުގައި މި މަސްތުވާތަކެތި ފެނިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ. މިތަކެތި ފެނިފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން އޭނާއާމެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށެވެ.
ކަސްޓަމްސް އިން ވިދާޅުވީ އެމީހާގެ ލަގެޖުން މުށި ކުލައިގެ ދިޔާ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށާ، އެ ޕެކެޓުގައި ހުރި ތަކެތި ޓެސްޓު ކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއައް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި މިމައްސަލައިގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.