ޚަބަރު

ޗެލްސީގެ ކީޕަރ ކެޕާ ޖޫރިމަނާކޮށްފި


އިނގިރޭސި އެފްއޭކަޕް ފައިނަލުގައި ބަދަލު ކުރަން އުޅުމުން ދަނޑުން ނުފޭބި މައްސަލާހައި ޗެލްސީން އެ ޓީމުގެ ކީޕަރު ކެޕާ އަރިޒަބަލަގާ ޖޫރިމަނާކޮށްފި އެވެ.

ސްޕޭނުގެ ޒުވާން ކީޕަރު ޖޫރިމަނާކުރީ އެއް ހަފުތާގެ މުސާރައިންނެވެ.

ނަމަވެސް މި މައްސަލާގައި އޭނާ މިހާރު ވަނީ ކޯޗާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގައި ކެޕާ ބާލަން ކޯޗު މަސައްކަތް ކުރީ އޭނާ އަށް ހާނިއްކަވެ މެޗު ފުރިހަމަކުރެވޭނެ ކަމާމެދު ސުވާލު އުފެދުމުންނެވެ. ނަމަވެސް ކެޕާ ދަނޑުން ނުފޭބީ އޭނާ އަށް ކުޅެވޭނެ ކަމަށް ބުނެ ގަދަ ދައްކާފަ އެވެ. މިކަމާ ހިތްހަމަނުޖެހިގެން ކޯޗު ވަނީ ރުޅި އިސްކޮށް ފެންފުޅިއެއް ބިމަށް ޖަހައި ދަނޑުން ވެސް ނުކުމެންގޮސްފަ އެވެ. އެކަމަކު ފަހުން އޭނާ އަލުން ބެންޗަށް އައެވެ.

ކޯޗު މައުރީސިއޯ ސަރީ ބުނީ އެ ހާދިސާ މިހާރު ނިމިފައިވާ ކަމަށާއި އެއީ މިސްއަންޑަސްޓޭޑިންއެއް ކަމަށެވެ. އަދި އޭނާ އާއި ކެޕާގެ ގުޅުން ރަނގަޅު ކަމަށެވެ. މެޗު ތެރޭގައި އެފަދަ އޮޅުމެއް އެރި ނަމަވެސް ފިޓްނަސް ކޯޗު ބެންޗަށް އައިސް ކެޕާގެ ހާލަތު އޮޅުންފިލުވައިދިނުމުން އެވަގުތު ވެސް މައްސަލަ ހައްލުވި ކަމަށް ކޯޗު ބުންޏެވެ.

ޗެލްސީ އަށް ފަހަކަށް އައިސް ދިމާވަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނާއި ކޯޗާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.