ޚަބަރު

ލޯކަލް މާރުކޭޓު - އެދެވޭ ޙައްލަކަށް ބޭނުންވެފައި


މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދަކީ ރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ވިއްކަން ޚާއްސަ މާރުކޭޓެވެ. ވެރިރަށް މާލޭގެ މުހިންމު ފާހަގަތަކުގެ ތެރޭގައި ހިމެނޭ މިތަނުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އުފެއްދުންތައް ވިއްކަން ހުރުމަކީ މިތަނުގެ އެންމެ ޚާއްސަ އެއް ސިފައެކެވެ. އެހެންނަމަވެސް މާރުކޭޓުގައި ތަކެތި ވިއްކާ މީހުންނާއި ގަންނަ މީހުންނަށްވެސް ވަނީ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާމީހުން ފާހަގަކުރާ ގޮތުގައި އެމީހުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. ޖާގަކުޑަވުމަކީ ތަކެތި ވިއްކުމާއި ވިއްކާތަކެތި ގެންގުޅުމުގައި އުދަނގޫ ތަކަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. މިމައްސަލައިގެ ސަބަބުން އެމީހުން ބޭނުންވާވަރަށް ތަކެތިގެނެސް ވިއްކަން ނެރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާކަން އެމީހުން ފާހަގަކުރެއެވެ.

މީގެ އިތުރުން މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރި ކުރުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިޅާފަށް އެތައްކަމެއް ހިނގަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ޚާސަކޮށްގެން ދޫކޮށްފައިވާ، މާރުކޭޓު ގޮޅިތަކުގައި ބިދޭސީންގެ އެތައްބަޔަކު ވިޔަފާރި ކުރަމުންދާކަން އެމީހުން ކަންބޮޑުވުމާއެކު ފާހަގަކުރެއެވެ. މީގެސަބަބުން މާރުކޭޓް އެތެރޭގައި ހަމަނުޖެހުން އުފެދި އިޖުތިމާޢީ އެތައް މައްސަލައެއް ކުރިމަތިވަމުންދެއެވެ. މިމައްސަލަތައް އަތްނުފޯރާ ހިސާބަށް ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ.

ބިދޭސީންގެ އުނދަގުލާއެކު ދެން ކުރިމަތިވާ އަނެއްކަމަކީ ލޯކަލް މާރުކޭޓުގެ އަސްލު ސިފަ ގެއްލި ބޮއްސުންލައިގެން ދިއުމެވެ. މިއީ ދިވެހި އުފެއްދުންތަކަށް ޚާއްސަ މާރުކޭޓެއް ނަމަވެސް، ރާއްޖެއިން ބޭރުން އިންޕޯޓުކޮށްފައިވާ އަދި ރާއްޖޭގައި ނުވެސް އުފައްދާ އެތައް ބާވަތެއްގެ ތަރުކާރީއާއި މޭވާ މިތަނުގައިދަނީ ވިއްކަމުންނެވެ. މިއީ ދިވެހި ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ދިވެހި އުފެއްދުންތައް ވިއްކާމީހުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަޙުމަދު ޒަމީރު ވިދާޅުވީ ސިޓީކައުންސިލުން ޟާލޭގެ މާރުކޭޓުތަކާ އެނެމްފަހުން ހަވާލުވިއިރު މާރުކޭޓްގެ ގޮޅިތަކުގެ އެގްރިމެންޓްތަށް ހުރީ ހަމަވެފައިކަމަށެވެ. އެއާއެކު ކަންބޮޑުވާންޖެހޭ އެތައްކަމެއް އެތަނުގައި ހުރިކަމަށާ، އެކަންކަން ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު ސިޓީކައުންސިލުން، މާރުކޭޓާބެހޭ ސާރވޭއެއްކޮށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިސާރވޭގެ ނަތީޖާއަށް ބަލާއިރު، ވިޔަފާރިކުރުމަށް ގޮޅިތަށް ދޫކޮށްފައިވާ މީހުންނާ ގުޅޭ މައްސަލަތަކާއި ގޮޅިތަށް ކުއްޔަށްނެގުމަށްފަހު އެތަންތަނުގައި ބިދޭސީން ބޭތިއްބުންފަދަ އެތައް ކަމެއް ފާހަގަކުރެވިފައިވާކަމަށެވެ.

މާލޭގެ ލޯކަލް މާރުކެޓުގެ މައްސަލަތައް ޙައްލުކުރުމާމެދު މީގެކުރިންވެސް އެތައްފަހަރަކު މާރުކޭޓުގެ ވިޔަފާރިވެރިންނާއި، އެތަނުގެ ޚިދުމަތް ހޯދާމީހުން ވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަކުކޮށް ޝަކުވާ ހުށަހަޅާފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެމައްސަލަތަކަށް އެދެވޭ ޙައްލެއް ލިބިފައި ނުވާކަމަށް މާރުކެޓުގައި ތަކެތި ވިއްކާ މީހުންނާއި ގަންނަ މީހުންގެތެރެއިން އެތައްބަޔަކު ބުނެއެވެ.