ޚަބަރު

އިންޑިޔާއިން ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި


އިންޑިޔާގެ އަސްކަރީ އުޅަނދުތަކެއް ޕާކިސްތާނުގެ ސަރަޙައްދަށް ވަދެ، އެ ޤައުމުގައި ހިންގާ ޓެރަރިސްޓް ކޭމްޕްތަކެއް ކަމަށް ބުނާ ސަރަޙައްދުތަކަކަށް ހަމަލާދީފިއެވެ. މިއީ ވޭތުވެދިޔަ ފަންސާހެއްހާ އަހަރު ދުވަހުގެ ތެރޭގައި، އެއް ޤައުމުން އަނެއް ޤައުމުގެ ބޯޑަރު ހުރަސްކޮށް ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

އިންޑިޔާއިން މި ހަމަލާތައް ދީފައިމިވަނީ، މި މަހުގެ 14 ވަނަ ދުވަހު ކަޝްމީރުގެ ޕުލްވާމާ ސަރަޙައްދުގައި ދިން ހަމާލާގެ ރައްދު ދިނުމުގެ އިޚުތިޔާރު އިންޑިޔާގެ އަސްކަރިއްޔާއަށް ދީފައިވާނޭކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ހަމަލާގެ ޒިންމާ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތެއްކަމަށްވާ ޖައިޝީ މުޙައްމަދުން އުފުލާފައިވާއިރު، އިންޑިޔާއިން ތުހުމަތުކުރަނީ އެ ހަމަލާ ދިނުމުގައި ޕާކިސްތާނުގެ އަތެއް ވާނޭކަމަށެވެ. އެހެންނަމަވެސް ޕާކިސްތާނުން މި ތުހުމަތުތައް ދޮގުކުރެއެވެ.

ޓައިމްސް އޮފް އިންޑިޔާ ނޫހުން މަޢުލޫމާތުދޭ ގޮތުގައި މިއަދުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޖައިޝީ މުޙައްމަދު ޖަމިއްޔާ އާއި ލަޝްކަރޭ ޠައިބާ ޖަމިއްޔާއިން ގުޅިގެން ހިންގާ ހަނގުރާމަމަތީ ތަމްރީންދޭ މަރުކަޒުތަކަކަށެވެ. އިންޑިޔާގެ މަސްދަރުތަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާއިން ބުނާ ގޮތުގައި 1000 ކިލޯގެ ބޮންތަކެއް އެ ބާލަކޮޓަށް އަޅާ، އެ ސަރަޙައްދު އެއްކޮށް ސުންނާފަތިކޮށްލާފައިވަނީ އެންމެ ނަވާރަ މިނެޓު ތެރޭގައެވެ.

އެހެންނަމަވެސް ޕާކިސްތާނުން ބުނަނީ، އެ ހަމަލާގައި އެއްވެސް މީހަކު މަރުވެފައިނުވާކަމަށާއި، އިންޑިޔާގެ ވައިގެ އުޅަނދުތަކުން ބޮންތައް ދޫކޮށްލާފައިވަނީ އަވަސް އަރުވާލައިގެން، އެ ފަރާތްތަކުން އަމާޒުކުރި މަންޒިލަށް ވާސިލުނުވެވެނީސް، ޖަންގަލި ސަރަޙައްދަކަށް ކަމަށެވެ. އަދި އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނުވާނޭކަމަށް ޕާކިސްތާނުން ބުނެއެވެ. އެހެންނަމަވެސް އިންޑިޔާގެ އަސްކަރީ އުޅަނދުތައް ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނަށް ވަދެ، އެ ޤައުމުގެ ސަރަޙައްދަކަށް ހަމަލާދިންކަން އެ ޤައުމުން ކަށަވަރުކޮށްދެއެވެ.