ޚަބަރު

ޤަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތަކުގައި އަލުން ސްޓިކާ ޖަހަން ފަށައިފި


ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި މިއަދުން ފެށިގެން ސްޓިކަރ ޖަހަން ފަށާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް ފާކުކުރާ ވެހިކަލްތަކުގައި ސްޓިކަރ ޖެހުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ސްޓިކަރ ޖަހަން ނިންމެވީ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ސަބަބުން ޢާއްމުނަށް އުނދަނގޫވެ އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅަމުންދާތީ އެކަން ހައްލު ކުރުމުގެ ގޮތުންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ސްޓިކާ ޖެހުމަށް ނިންމާފައިވަނީ މަގުމަތި ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތަކުގައި އެކަނި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން މިސްކިތްތަކާއި ހޮސްޕިޓާތަކާއި ބޭންކާއި ސްކޫލްތަކާއި ކަފިހި ހުރަސްތަކާއި ދުވާރާއި ގޯޅިތަކުގެ ކަންމަތީގައާއި ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައި ހުރި ހިސާބުގައި ޕާކުކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ފުލުހުން، ކޯން ނުވަތަ ބެރިކޭޑު ބަހައްޓާފައި ހުންނަ ތަންތަނާއި ޑަބަލް ލައިން ދަމާފައިވާ ސަރަޙައްދުތަކުގައި ޕާކުކުރާ ވެހިކަލްތަކުގައިވެސް ޕާކިން ވައިލޭޝަން ސްޓިކަރ ޖަހަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ޤަވާއިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކަރޖެހުން ހުއްޓާލިކަން ހާމަކުރުން