ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ދިވެހިރާއްޖެއަށް އައުމަށް އިންޑިއާއިން ހުރަސްއަޅާފައި ނުވާކަމަށާއި އެ މަނަވަރު ރާއްޖެ އައުން ހުއްޓުވުމަށް ރާއްޖެއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕީއެސްއެމް ނިވްސަށް މަޢުލޫމާތު ދެމުން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖެ އައުމަށް އިންޑިއާއިން ހުރަސްއަޅާފައިވާކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކައެއްކަމަށެވެ. ޕާކިސްތާން އެންބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރްނައިން އަޙުމަދު ވިދާޅުވީ ޕާކިސްތާނުން ރާއްޖެއަށް އަންނަ އަސްކަރީ މަނަވަރު ރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ހުއްދަ ނުދިނުމަށް އިންޑިއާއިން ބާރުއަޅަމުންދާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށެވެ.
އަދި ރޭވިފައިވާ ގޮތަށް އަންނަ މަހު އެ މަނަވަރު ރާއްޖެއަށް އަންނާނެކަމަށާއި މީގެ ކުރިންވެސް ޕާކިސްތާނުގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައިސްފައިވާކަމަށް ޕާކިސްތާނުގެ އެންބަސީން ވަނީ ބުނެފައެވެ. މި މަނަވަރު ރާއްޖެ އަންނާނެ ވަކި ތާރީޚެއް ނުބުނި ނަމަވެސް މި މަނަވަރު އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް ޕާކިސްތާނުގެ އެންބަސީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޕާކިސްތާނުގެ މަނަވަރު ރާއްޖެ އަންނަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ އަޙުވަންތަ ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިންކަމަށްވެސް ޕާކިސްތާން އެންބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުން ދަނީ ދިވެހި ސިފައިންނަށް އަސްކަރީ ގިނަ އެހީތަކެއް ދިނުމުގެ އިތުރުން އަސްކަރީ ތަމްރީން ފުރިހަމަ ކުރުމަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންނެވެ.