ލޮލުގެ ފެނުމުން މަޙުރޫމްވެފައިވާ ޒާޔާ އަޙްމަދު ކިޔައިދިން ވާހަކައިން ރާއްޖޭގައި ކުޅެދޭ މީހުންނާއި ނުކުޅެދޭ މީހުންގެ ފަރަގު ކުޑަވަމުންދާކަން ހާމަކޮށްދީފިއެވެ.
ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އެންމެން ގެ ކުރިމަތީ ބިންމާ އިބްރާހީމް ވަޙީދުގެ ވާހަކައެއް ހުށަހަޅައިދިން ޒާޔާ އަޙްމަދަކީ ލޮލުގެ ފެނުމުން މަޙުރޫމްވެފައިވާ ކުއްޖެކެވެ. މުޖުތަމަޢުތެރޭގައި ޢާއްމުކޮށް ހަވާސާވެފައިވާ ކުދިންގެ ތެރޭގައި ޒާޔާމެންފަދަ އެތައްކުދިންނެއް އެބަތިއްބެވެ. ލޮލަށް ފެންނަ ކުދިންކުރާ އެތައްކަމެއް މިކުދިންނަށް މުޖުތަމަޢު ތެރޭގައި ކުރުމުގައި ގިނަ ހުރަސްތަކެއް ހުރި އިރު މިއަދު މިވަނީ އޭގެތެރެއިން އެއްކަމެއް ގިރާކުރެވިފައެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ލޯފަން ކުދިން ފޮތްކިޔުމަށް ބޭނުންކުރާ އުކުޅުތައްފައިދައިން ރާއްޖޭގައިވެސް މިހާރުމިވަނީ އެފަދަ އުކުޅުތައް ތަޢާރަފްކުރެވި ބޭނުންކުރަން ފަށާފައެވެ. އެކަމުގެ ސަބަބުން ލޯފަން ކުދިންގެ ދިރިއުޅުން ބާއްޖަވެރިވާނެކަމުގެ އުއްމީދު މިއަދު މިވަނީ އާވެގެން ގޮސްފައެވެ. މިއީ މިފަދަ ކުދިންގެ މައިންބަފައިންގެ ހިތްތަކަށްވެސް ލިބިގެންދިޔަ ނުހަނު ބޮޑު ތަޞައްލީއެކެވެ.
މިރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައިވަނީ ޒާޔާ ދެއްކި ވާހަކައިގެ މައްޗަށާއި ޒާޔާއަށް އެވާހަކަ ކިޔައިދިނުމަށް މަގުފަހިކޮށްދިން އީޖާދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތާނަ ބްރެއިލްއަކީ ދިވެހިބަހުގެ އަދަބިއްޔާތުގެ އެކި ވާދީތަކަށް ޒިޔާރަތްކުރުމަށް ލޯފަން ކުދިންނަށް ލިބުނު މިސްރާބު ރަނގަޅު ސަވާރީއެއް. އޭގެ ސަބަބުން ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔުމުގެ ފުރުސަތު އެކުދިންނަށްވެސް ލިބިގެންދާނެ." ރައީސް ޞާލިޙު ވިދާޅުވިއެވެ.
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަކީ އެކުދިންނަށް މުޖުތަމަޢުގެ އެކިކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ބައެކެވެ. ނަމަވެސް މިފަދަ އީޖާދުތަކުގެ ސަބަބުން މިކުދިންގެ ދިރިއުޅުމަށް މިސްރާބެއް މިވަނީ ލިބިގެން ގޮސްފައެވެ.
ދިވެހިބަހުން ފޮތް ކިޔަން ޒާޔާ ދަސްކޮށްފައިވަނީ ލޯފަންކުދިންނަށް ތާނަ އަކުރު ލިޔެ ކިޔޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި "ތާނަ ބްރައިލް"ގެ ނަމުގައި އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލް ޤާދިރު ތައްޔާރުކުރެއްވި އަކުރު ބްރައިލްއަކުންނެވެ. ބްރެއިލްއަކީ ޚާއްސަ ގޮތަކަށް ލޯފަންކުދިން ބަސް ބޭނުންކުރުމަށް އަތުރާލެވިފައިވާ ތިކިތަކެކެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ބޭނުންކުރަމުން އަންނަ މިއުކުޅު ރާއްޖެއަށް ތަޢާރަފްވެފައިވާއިރު މިއީ ލޯފަންކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުއްމީދެކެވެ.
މިރަސްމިއްޔާތުގައި ތާނަ ބްރައިލް ބޭނުންކޮށްގެން ޒާޔާ ވާހަކަދައްކަން ފެށުމާއެކު ރަސްމިއްޔާތުގައި ތިބި މީހުން ވަނީ އާޝޯޚުކޮށްލާފައެވެ.
ޒާޔާ މިއަދު ސާބިތުކޮށް ދިނީ ލޯފަން ކުދިންނަށްވެސް އިތުރު ފުރުސަތުތަކެއް ފަހިވެފައި އެބައޮތްކަމެވެ. އެފަދަ އެހެން ކުދިންނަށްވެސް ޒާޔާ ވަނީ އުއްމީދު ހޯދާއިދީފައެވެ. ދިވެހި ބަހުގެ އެކަޑަމީން މިދިޔަ އަހަރު ފެށި ތާނަ ބްރައިލް ކޯހުގައި ބައިވެރިވެ ލޯފަން ކުދިން އަންނަނީ ދިވެހިބަހުން ލިޔެ ކިޔަން ދަސްކުރަމުންނެވެ.