ވިޔަފާރި

ގްލޯބަލް ބިޒްނަސް ސަމިޓަށް، ޓޫރިޒަމް މިނިސްޓަރު އިންޑިއާއަށް ފުރާވަޑައިގެންފި


ފަސްވަނަ ގްލޯބަލް ބިޒްނަސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މި ދަތުރުފުޅުގައި އައްޑޫސިޓީ، ފުވައްމުލަކު ސިޓީ، މާލެ ސިޓީގެ މޭޔަރުންގެ އިތުރުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތައް ފަތުުރުވެރިކަމުގެ ވަކިވަކި މަންޒިލްތަކުގެ ގޮތުގައި ތަރައްޤީކޮށް، ޕްރޮމޯޓްކުރުމަށް ސަރުކާރުންވަނީ މަސައްކަތްފަށާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ގެނައުމަށް މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިމަހުގެ ބާވީހުން ތޭވީހަށް ބޭވުމަށް ހަމަޖެހިފައިވަ، ގުލޯބަލް ބިޒްނަސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، މި ދަތުރުގައި އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރުމަށް ހަމަޖެހިފައިކަމަށާއި މި ބައްދަލުވުމުގައި ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންވެސް ބައިވެރިވާނެ ކަމަށެވެ.

" އިންޑިއާގެ ޓޫރިޒަމާއި ބެހޭ ވަޒީރާއި އަޅުގަނޑުމެން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި. އެ ބައްދަލުވުމުގައިވެސް މޭޔަރުން ބައިވެރިވެވަޑައިގަންނަވާނެ، މީގެ ބޭނުމަކީ ސަރަޙައްދުތައް ތަރައްްޤީ ކުރުމުގައި އެ ސިޓީތަކަށް ބާރުވެރިކަން ލިބި އެ ބޭފުޅުންގެ ހިޔާލާއި ވިސްނުމާއި ވިޝަންއާއި އެއްކޮށް ތަންތަން ތަރައްޤީވެގެން ދިޔުން،" ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ނޫސްވެރިންނައި ވާހަކަދައްކަވަމުން އައްޑޫސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވީ އިންޑިއާގައި ބާއްވާ މިފަދަ ސަމިޓެއްގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބުމަކީ ރާއްޖޭގެ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވައި، އިޤްތިސާދީގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެެވެ.

" މި ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނަން، އަޅުގަނޑުމެންގެ ރަށްތައް އޮތީ ފަތުރުވެރިކަމާއި އަދި އެހެނިހެން އިޤްތިސާދީގޮތުން ކުރިއެރުވުމުގެ ފުރުސަތަކަށް ބޭނުންވެފަ. ރަށްރަށަށް އިންޑިއާގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއިން ފުރުސަތު ލިބިގެން ދިޔުން މުޙިއްމު، މި ސަމިޓުގެ ތެރެއިން ނެޓްވޯކިންގެ ފުރުސަތު ލިބިގެން އެބަދޭ، އެ ފުރުސަތުގެ ބޭނުން ހިފުމަކީ އުއްމީދެއް،" އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ހދ ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ހދ އަތޮޅަށް ޓޫރިޒަމް ތައާރަފްކުރުމަށް މިއީ ލިބޭ ރަގަޅު ފުރުސަތެއް ކަމަށެވެ.

" ހދ އަތޮޅަކީ ޓޫރިޒަމްގެ މަންފާ ލިބިފައި ނެތް އަތޮޅަކަށް ވާއިރު، ހދ. އަތޮޅު އިޝްތިހާރުކޮށް، ހދ ގައި ޓޫރިޒަމް ތަރައްޤީކުރެވިދާނެ ކަމުގެ ފެހި ސިގްނަލެއް މިނިސްޓަރު މި ދެއްވީ،" ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވިއެވެ.

މި ސަމިޓުގައި ދެމެހެއްޓެވިގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ބާއްވާ ރައުންޑު ޓޭބަލް ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު، އަދި ރާއްޖެއިން ވަޑައިގެންނެވި ވަފްދުގެ ބޭއްފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.