އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ވަގުތު ހަމަވިއިރު 403 ފަރާތަކުން ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިހާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު ހަމަވީ މިއަދު ހަވީރު 16:00 އެވެ. އިންތިހާބުގައި ވާދަކުރުމަށް 403 ފަރާތަކުން ނަން ހުށައެޅި ނަމަވެސް އެ ފަރާތްތަކުގައި ތަފްސީލެއް އިލެކްޝަނަސް ކޮމިޝަނުން އަދި ހާމަކޮށްފައެއްނުވެއެވެ.
އަންނަ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެޕާޓީން 86 ދައިރާއަކަށް ވާދަކުރުމަށް ވަނީ ފޯމް ހުށައަޅާފައެވެ. މީގެއިތުރުން އަމިއްލަ ގޮތުން ވާދަކުރުމަށްވެސް ގިނަ އަދަދެއްގެ މީހުން ހުށައަޅާފައިވެއެވެ.
މަޖިލީހަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރުން އޮންނާ މިމަހުގެ 27 ވަނަދުވަހުއެވެ.
އަންނަ ރައްޔިތުން މަޖލީހުގައި އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލްމަހުގެ 06 ވަނަދުވަހުއެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަސް ސަތޭކަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބަށްވުރެ ތިރީސް ފަސް ފޮށި އިތުރު ޢަދަދެކެވެ.
އެހެނިހެން އިންތިޚާބުތަކަށްވުރެ މި އިންތިޚާބުގައި ވޯޓު ފޮށީގެ ޢަދަދު އިތުރުވީ ކޮންމެ ވޯޓު ފޮއްޓަކަށްވެސް އެންމެ ގިނަވެގެން އެގާރަ ސަތޭކަ ވޯޓު ލުމަށް އީސީން ނިންމުމާއި ގުޅިގެންނެވެ. އަދި ވޯޓުލާ މީހުންގެ ޢަދަދު ފަސް ސަތޭކަ އަށްވުރެ އިތުރުވާނަމަ ދެ ސެޓަޕެއް ބެހެއްޓުމަށް ނިންމުމަކީވެސް ފޮށިތައް އިތުރުވާން ދިމާވި ސަބަބެއްކަމަށް އީސީން ބުނެއެވެ.
މަޖިލިސް އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ތިރީސް ނުވަ ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތް ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ނިންމާފައިވެއެވެ.
މި އިންތިޚަބުގައި 264589 ދުއިސައްތަ ފަސްދޮޅަސް ހަތަރު ހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުލުމުގެ ހައްޤުލިބިގެންވެއެވެ.