ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗްގައި އެޑިމްޓްކުރުމަށްފަހު އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. ޔާމީން އައިޖީޢެމްއެޗްގައި 24 ގަޑިއިރަށް އެޑްމިޓްކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.
ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ ކޮން ކަމަކާއި ގުޅިގެން ކަމެއް ކަރެކްޝަނަލް ސަރވިސްއަކުން ނުބުނެއެވެ. އައިޖީއެމްއެޗްގެ މީޑިއާ ކޯރޑިނޭޓަރ މުޙައްމަދު މުފީދު ޕީއެސްއެމް ނިއުސްއަށް ރޭ ވިދާޅުވީ ޔާމީން އެޑްމިޓްކޮށްފައި އޮތީ އޮބްޒަރވޭޝަނަކަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި ޔާމީން އެޑްމިޓްކުރީ ހިތުގެ މައްސަލައަކާއި ގުޅިގެންނެވެ.
ދައުލަތުން ޔާމީންގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކުރީ މިމަހުގެ 19 ވަނަދުވަހުއެވެ. ދައުލަތުން ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ފައިސާއިން އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން އެ ފައިސާ ދެއްވުމަށް ޔާމީން އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާ އެ ފައިސާއިން މަންފާ ހޯދާ ފައިވާކަމަށްވެސް ދައުވާގައިވެއެވެ.
މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކަށް ޔާމީން ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލައިގައި ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި އެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ އުފުލައިފައެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ޔާމީންގެ ފަރާތްޕުޅުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ވަނީ އެކޯޓުން ބަލައިގެންފައެވެ.
ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައެވެ. އެތަނުގައި ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއްވެސް ހިމެނެއެވެ. އަދި މީގެއިތުރުން ފޮތާއި ނޫސް މަޖައްލާތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު ސިއްޙީ ކަންކަންވެސް ޤަވާއިދުން ބަލަމުންދާކަމަށް ކަރެކްޝަނުން ބުނެއެވެ.