ޚަބަރު

ޔާމީންގެ އެކައުންޓްތައް ފުރީޒުކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކުންޓްތައް ފްރީޒުކުރި މައްސަލައިގެ އިސްތިުއުނާފް އަޑުއެހުންތައް ނިންމާލައިފިއެވެ. މި މައްސަލާގައި މިއަދު ހައިކޯޓްގައި ބޭއްވި އަޑުއެހުން ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ހައިކޯޓުން ބުނީ މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ސުއްރުކޮށްގެން ކުރިޔަށް ގެންދިޔައީ އާއްމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ ޢަދުލު އިންސާފު ޤާިމުކުރުމަށް އެޅި ދާނެ ހުރަހަކުން މިންޖުވުމުގެ ގޮތުންކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީން ވާހަކަދައްކަވާފައިވާކަމަށްވެސް ހައިކޯޓުން ބުނެއެވެ.

ޔާމީންގެ އެކައުންޓައް ފްރީޒްކުރުމަށް ދަށުކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އަމުރު ނެރެފައިވަނީ ފުލުހުން އެދިގެންނެވެ.

ފުލުހުން ބުނެފައިވަނީ ބުނީ ޔާމީންގެ ނަމުގައި ރާއްޖޭގެ ބޭންކުތަކުން ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން މިހާތަނަށް މަޢުލޫމާތު ލިބިފައިވާ އެކައުންޓުތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި ޢަދަދުތަކުން ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށް އަދި އެފައިސާއިން މުޢާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ތަޙްޤީގުގެ ބޭނުންމަށް އެކައުންޓުތަކުގައި ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން ދިވެހި ފައިސާއިން 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ ފްރީޒް ކޮށްފައިވާކަމަށްްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރުކުރުމަށް ކުރިމިނަލްކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި އަމުރު ޔާމީންގެ ފަރާތްޕުޅުންވަނީ ހައިކޯޓްގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިނާޔާތުގެ ފައިސާ ނަގާ އެ ފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުތިރާފުވެޑައިގެންފައެވެ.

ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކަށް ޔާމީން ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލައިގައި ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި އެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ.