ޚަބަރު

"ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ލިންގުއެސްޓިކްސް" ކޯރސް އިފްތިތާޙުކޮށްފި


ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން "ޑޮކްޓާރ އޮފް ފިލޯސަފީ އިން އެޕްލައިޑް ލިންގުއިސްޓިކްސް" ކޯރސް އިފްތިތާޙް ކޮށްފިއެވެ.

އެމް.އެން.ޔޫގައި މިކަމަށްތަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނިޝާން ޢިއްޒުދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމެވެ. އޭނާއާއެކު މިރަސްމިއްޔާތުގައި މިނިސްޓާރ އޮފް އާރޓްސް އެންޑް ކަލްޗާރ ހެރިޓޭޖް ދުންޔާ މައުމޫނުވެސް ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް އާރޓްސްގެ ޑީން ޑރ.އާސިމް ޢަބްދުއްސައްތާރު ވިދާޅުވީ މި ކޯހުގެ ސަބަބުން މާދަރީ ބަސް ދިގުދެމިގެން ދާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި މިކޯހަކީ ދިވެހިބަސް ތަރައްޤީ ކުރުމަށް ހުޅުވާލެވުނު ޢިލްމުގެ ދޮރާއްޓެއްގެގޮތުގައި އޭނާވަނީ ސިފަ ކުރައްވާފައިއެވެ.

މިކޯހަށް ޖުމްލަ 14 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ކޯހުގައި ކުރިއަށްދިއުމަށް ފުރުސަތު ލިބިފައިވަނީ 3 ފަރާތަކަށެވެ. ކޯސް ލިބުނު ފަރާތަތްތަކަށް ލިޔުން ހަވާލުކުރުން މިރަސްމިއްޔާތުގައި އޮތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޝާން ޢިއްޒުދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް ޢިބްރާހިމް ވިދާޅުވީ ރާއްޖޭގައި ދިވެހިބަހުން ކިޔަވައިދިނުމުގެ ފެންވަރު މަތިވެ، ތަޢުލީމީ ގޮތުން ދުނިޔޭގެ އެންމެ ކުރީ ހަރުފަތްތަކުގައިވެެސް ދިވެހިބަހުން ކިޔަވައިދޭން ފެށުމަކީ ތާރިޚީގޮތުންވެސް ފާހަަގަ ކުރަންޖެހޭ ކަމެއް ކަމަށެވެ.