ޚަބަރު

ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރޭތޯ ބަލަނީ


ޙާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރާނަމަ އެކަން ފުލުހުންގެ އެތެރެއިން ބެލުމަށް ފަހު ޙައްލުކުރުމުގެ މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޙާލަތާ ނުބައްދަލު މިންވަރަށް ފުލުހުން ބާރުގެ ބޭނުންކުރާ މައްސަލައަކީ ޢާއްމުންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމަކީ ޙައްލުނުވެ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއް ކަމަށް ހަމީދު ވިދާޅުވިއެވެ. އެހެންކަމުން އެމައްސަލަ ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅުއްވާނެކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިމޭރުމުން ޓުވީޓުކުރައްވާފައިވާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓުކުރުމާއި ގުޅިގެން އެތަނަށް ޖަމާވި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ޙާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.