ޚަބަރު

ހެލްމެޓު ދޫކުރާ ޕްރޮގްރާމް ހޮނިހިރު ދުވަހު ބާއްވަނީ


ހެލްމެޓު ބެހުމަށްޓަކާއި ޓްރާންސްޕޯޓް އޮތޯރިޓީން ހިންގާ ޚާއްސަ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އެއޮތޯރިޓީން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 5000 ހެލްމެޓު ބެހުމަށް ހަމަޖެހިފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަޚްލާގާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދާ ދެ ގަޑިއިރުގެ އެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ ދުއްވާ ފަރާތްތަކަކީ އެކަމަށް ޤާބިލުބަޔަކަށް ހެދުމާއި ސްޕީޑު ލިމިޓަށްވުރެ ބާރައް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާ ފަރާތްތަކަށް އަންގައިދޭނެއެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށްކަމަށެވެ. އެގޮތުން މާލެއާއި އައްޑޫ ސިޓީއާއި ލ.އަތޮޅުގެ ގުޅިފައިވާ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެޕްރޮގްރާމްގައި ބައިވެރިވެ ހެލްމެޓު ލިބޭނެ ގޮތްވަނީ ހަމަޖެހިފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިކޯހުގައި ބައިވެރިވުމަށްޓަކާ ނަންނޯޓުކުރުމުގެ ފުރުސަތު އެއޮތޯރިޓޯގެ ވެބްސައިޓުގައި ބުރާސްފަތި ދުވަހު ހުޅުވާލާނެކަމަށެވެ.