ޚަބަރު

ޑިމޮކްރަސީގެ އުސޫލުތަކުގެ މަތިން ހެޔޮވެރިކަމެއް ޤާއިމުކުރާނަން - މިނިސްޓަރ ޝާހިދު


ޑިމޮކްރަސީގެ އުސޫލުތަކުގެމަތިން ހެޔޮވެރިކަމެއް ޤާއިމުކޮށް ދެއްވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންނެވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންސްތައް ބާރުވެރިކުރުވާ ސިޔާސީ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރާއްޖެ ޑިމޮކްރަސީއަށް ވާސިލުވުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އެ ޕެނަލް ޑިސްކަޝަންގައި އަލިއަޅުއްވާލައްވާފައެވެ. އަދި މަސައްކަތްތަކުގައި ދިމާވި ގޮންޖެހުންތަކާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކާއި، މިނިވަން ޖުޑިޝަރީއެއް އަހަރެއްގެ ތެރޭގައި މި ސަރުކާރަށް ގެނެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.