ޚަބަރު

ޖުޑިޝަރީ އިސްލާޙުކޮށް ރާއްޖޭއާއި ގުޅުން ބަދަހިކުރަން ބޭނުން - އެމެރިކާ


ރާއްޖޭގެ ޖުޑިޝަރީ އިސްލާޙުކޮށް ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުން ރާއްޖެއާއެކު މަޝްވަރާކޮށްފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެމެރިކާއަށް މިހާރު ކުރައްވާދަތުރުފުޅުގައި ޔޫއެސްގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ފޮރ ސައުތް އެންޑް ސެންޓްރަލް އޭޝިއާ، އެލެސް ޖީ.ވެލްސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް އެއްބާރުލުން ދޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އޭވިއޭޝަން ސެކިއުރިޓީއާއި ސަރުކާރުގެ މާލީކަންތައްތައް މެނޭޖްކުރުމާއި ކައުންޓަރ ޓެރެރިޒަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓަރގެ މިބައްދަލުކުރެއްވުމުގައި އެމަނިކުފާނާއެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލާއި ރާއްޖެއައިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ނަސީރު މުޙައްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.