ޚަބަރު

ރާއްޖެއާ އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރަނީ


ރާއްޖެއާ އެމެރިކާއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ އެސިސްޓެންޓް ޔޫއެސް ޓްރޭޑް ރެޕްރެޒެންޓޭޓިވް ފޮރ ޓްރޭޑް އެންޑް ޕޮލިސީ އެޑް ގްރެސަރ އާއި ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައިވަނީ އެމެރިކާއާއި ރާއްޖެއާއި ދެމެދު ސީދާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެމެރިކާގެ ބާޒާރުގައި މިހާރަށްވުރެ ފަހިކޮށް ލިބޭނެ ގޮތަކަށް މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް އިތުރުކުރުމާމެދު ވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެޑް ގްރޭސަރ ވިދާޅުވީ 2009 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި އެކުލަވާލާފައިވާ "ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމަންޓް - ޓީފާ" އަލުން އިޔާދަކުރުމާއި ގުޅޭގޮތުން އަންނަ މޭއި މަހުގެ ތެރޭގައި ރާއްޖެއާއެކު މަޝްވަރާތައް ފެށުމަށް އެމެރިކާގެ ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އެ އެއްބަސްވުމުގެ މަޤުސަދަކީ އެމެރިކާއާއި ރާއްޖެއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް މިނިވަން ވިޔަފާރީގެ ފުރުސަތުތައް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް ފިކުރީ މުދާލާއި މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކުރުމެވެ.