ޚަބަރު

އޭސީސީއަށް ހާޒިރުކޮށް މަހްލޫފްގެ ބަޔާން ނަގައިފި


އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކައުންޓަށް ޖަމާވެފައިވާ މައްސަލާގައި ޔޫތް މިނިސްޓަރ އަޙްމަދު މަހްލޫފް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ނަގައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަހުޤީގުކޮށް އެސީސީން އާއްމުކުރި ރިޕޯޓްގައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރި އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށްވަނީ 33000 ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ މައްސަލާގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަންގަވާފައެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ވީހާ އަވަހަށް ގޮތެއް ނިންމަވާދެއްވުމަށްވެސް މަހްލޫފް ވަނީ އެދިވަޑައިގެންފައެވެ.

އެސީސީގެ ރިޕޯޓާއި ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އެނާގެ އާއިލާގެ ބޭފުޅަކު ހިންގަވާ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމަށް ކޮށްފައިވާ މުއާމަލާތެއްކަމަށެވެ. އަދި އެކަމުގައި އެއްވެސް އޮޅުވާލުމެއް ނުވާނެކަމަށާއި އެއްވެސް ވައްކަމެއްވެސް ކޮށްފައިނުވާނެކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު އެކަމުގައި އެއްވެސް ގޯހެއް ވާނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށްވެސް މަހްލޫފްވަނީ ވިދާޅުވެފައެވެ.

އެސީސީންގެ ބަޔާނާއި އެކު މަހްލޫފް ނެރުއްވި ބަޔާނުގައި އެ ފައިސާ ޖަމާކޮށްފައިވާކަން އެނގިވަޑާއިނުގަންނަވާކަމަށް ވިދާޅުވެ އެކަމުގައި އެސީސީގެ ލަފާއަށް އެދިފައިވާކަމަށްވެސް މަހްލޫފް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އޭސީސީގެ ލަފަޔަކަށް މަހްލޫފް އެދިވަޑައިގެންފައިވަނީ އޭސީސީގެ ރިޕޯޓް އާއްމުކުރުމުގެ ދެތިން ދުވަސްކުރިންނެވެ.

އޭސީސީގެ ރިޕޯޓްގައިވާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިވެރިންގެ އެކައުންޓްތަކަށް އެ ފައިސާތައް ޖަމާކޮށްފައެވެ. މިގޮތުން 155 އެކައުންޓަކަށް އެސްއޯއެފުންވަނީ ފައިސާ ޖަމާކޮށްފައެވެ.