ޚަބަރު

ގަވަރނަރ ނަސީރު ކޮމެޓީއަށް ހާޒިރުކުރަނީ


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް ޔުނިޓްގެ ކުރީގެ ހެޑް އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރި މައްސަލާގައި ގަވަނަރ އަހުމަދު ނަސީރު ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް ހުށައަޅައިފިއެވެ.

ގަވަރނަރ ނަސީރު ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދި ހުށައަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲއެވެ.

ގަވަރނަރ އަހްމަދު ނަސީރު ކޮމެޓީއަށް ހާޒިރުކޮށްދެއްވުމަށް އެދި އިވާ ފޮނުއްވާފައިވާ ސިޓީގައިވަނީ އެމްއެމްއޭގެ އެފްއައިޔޫގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފު އެ މަގާމުން ކުއްލި ގޮތަށް ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރުމުން އެ މައްސަލަ އޭސީސީއަށް ހުށައަޅާފައި އޮއްވާކަމަށެވެ. އަދި އަޝްރަފު މަގާމުން ވަކިކުރި އިރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް ޔާމީން ފައިސާ ހަރަދުކުރައްވަމުން ގެންދެވި ގޮތާއި ގުޅޭ މައްސަލައެއްވެސް ފުލުހުންނަށް އަޝްރަފު ހުށައަޅާފައިވާކަމަށްވެސް އިވާގެ ސިޓީގައިވެއެވެ.

އަޝްރަފު މަޤާމުން ވަކިކޮށްފައިވަނީ އެ މައްސަލަތައް ކަމާއި ގުޅޭ އިދާރާތަކަށް ހުށައަޅާފައިވަނިކޮށް ކުއްލި ގޮތަކަށް އެއްވެސް ސަބަބަކާއި ނުލާ ކަމަށްވެސް އީވާގެ ސިޓީގައި ފާހަގަކޮށްފައެވެ. އެހެންކަމުގެ އެ މައްސަލާގައި ސުވާލުކުރުމަށް ގަވރނަރ އަހުމަދު ނަސީރު ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އިވާ އެދިވަޑައިގެންފައިވެއެވެ.

އެމްއެމްއޭގެ ތެރޭގައި އޮންނަ ފައިނޭންޝަލް ޔުނިޓަކީ މަނީ ލޯންޑިރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ. އެ ޔުނިޓްގެ މަސައްކަތަކީ ޤާނޫނާއި ހިލާފަށް ހިންގާ ފައިސާގެ މުއާމަލާތްތަކުގެ މައްސަލަތައް ކަމާއި ގުޅޭ އިދާރާތަކަށް ހުށައެޅުމެވެ. މި ޔުނިޓްގެ ހެޑްގެ މަޤާމަށް ބޭފުޅުން އައްޔަރުކުރުމުގެ ބާރު ލިބިދީފައިވަނީ އެމްއެމްއޭގެ ގަވަރނަރަށެވެ.

އެމްއެޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ އެސީސީން ދާދީފަހުން އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރސީއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރު އެހެން ކުންފުނިތަކަށް ޖަމާކުރި މައްސަލަ އެމްއެމްއޭގެ އެފްއައިޔޫން ބަލާ އެކަން އޭރުގެ ގަވަރނަރ އަޒީމާ އާދަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އަޒީމާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވުން އެފްއައިޔޫގެ ހެޑަކަށް އޭރު ހުންނެވި އިބްރާހިމް އާތިފް ޝުކޫރު ވަނީ އެމަގާމުން އިސްތިއުފާދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުރާފުވެޑައިގެންފައެވެ.

ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.