ވިޔަފާރި

ޝީޕިންގ އޭޖެންޓުން ވިޔަފާރިވެރިންނަށް އޮޅުވާލައިގެން ބައެއް ފީތައް ނަގަނީ


ޝިޕިންގ އޭޖެންޓުން ތަފާތު އެކި ނަންނަމުގައި ވިޔަފާރިވެރިންގެ އަތުން އޮޅުވާލައިގެން ބައެއް ފީތައް ނަގަމުން އަންނަކަމަށް އެމްޕީއެލުން ހާމަކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން، އޭޖެންޓުންނާއި ފްރައިޓް ފޯވަޑާރސް އަދި ބްރޯކަރުން، އެމްޕީއެލްއަށް ދައްކަންޖެހޭ ފީތަކެއްގެ ގޮތުގައި ދޭހަވާގޮތަށް ތަފާތު ނަންނަމުގައި ފީތައް ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ ތެރޭގައި އޭޕީސީއާރ، ޕޯޓް ކޮންޖެސްޝަން ޗާޖް، ޑީސީއެޗްޓީ އަދި އިކުއިޕްމަންޓް އިމްބެލެންސް ޗާޖް ފަދަ ނަންނަމުގައި ފީތައް ހިމެނެއެވެ.
ޝިޕިންގ އޭޖެންޓުން ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުން އަންނަކަމުގެ ޝަކުވާ ވިޔަފާރިވެރިންގެ ފަރާތުން ލިބެމުން އަންނަކަން ފާހަގަކުރަމުން އެމްޕީއެލުން ބުނީ، މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ފީތަކާއި، އެހެނިހެން ޙިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީތަކާއި އަގުތައް އެކުންފުނީގެ ޓެރިފްގައި ބަޔާންކޮށްފައިވާނޭކަމަށެވެ.

މިގޮތުން މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން އެމްޕީއެލުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ފީގެ އިތުރުން، އިތުރު ޙިދުމަތެއް ހޯދާފައި ނުވާނަމަ، މުދާ ކުލިއަރ ކުރުމަށް އިތުރު ފައިސާއެއް އެމްޕީއެލުން ނުނަގާނޭކަމަށް އެކުންފުނިން ބުނެއެވެ.