ޚަބަރު

ހެލްމެޓު ބެހުމަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން - ޓްރާންސްޕޯޓު


ސަރުކާރުން ބަހަން ނިންމާފައިވާ ހެލްމެޓު ބެހުމަށް ވާންޖެހޭ ތައްޔާރިތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ފަސްހާސް ހެލްމެޓު ބެހުމުގެ ވަޢުދުގެ ދަށުން މިހާރު ކުރިއަށްދަނީ ހެލްމެޓު ބެހުމަށްޓަކައި ބަލާނެ ޝަރުޠުތައް އެކުލަވާލައި މާލެއާއި އަތޮޅުތަކަށް އެތަކެތި ފޮނުވުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްތައްކަމަށެވެ.

ހެލްމެޓުތައް ބަހަނީ ކުރިންއަންނަ ބަޔަކަށް ކުރިން ހެލްމެޓު ދޭ އުސޫލުން ނޫންކަމަށާ، ހެލްމެޓު ބެހުމަށް ނިންމާފައިވަނީ މިނިސްޓްރީން ބަލާ ބައެއް ކަންކަމަށް ބެލުމަށް ފަހުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މިއުސޫލުތައް އެކުލަވާލައި ނިމޭނެކަމަށާ ހެލްމެޓު ބެހުމުގެ މަޤްސަދަކީ ޢާއްމުން ހެލްމެޓު އެޅުމަށް އަހުލުވެރިކުރުވުންކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ބަހަން ހަމަޖެހިފައިވާ ފަސްހާސް ހެލްމެޓުގެ ތެރެއިން ތިންހާސް ފަސް ސަތޭކަ ހެލްމެޓަކީ ޔުނިސެފުން ހިލޭ ދޭ ހެލެމެޓެވެ. އަދި އެއް ހާސް ފަސް ސަތޭކަ ހެލްމެޓަކީ މިނިސްޓްރީން ބީލަމަށް ހުޅުވާލައިގެން ހޯދާ ހެލްމެޓުތަކެކެވެ. މިމަސައްކަތްވެސް ކުރިއަށްދާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ މާޗުމަހުގެ 10ވަނަ ދުވަހުން ފެށިގެން ހެލްމެޓު ނާޅާ ބްރިޖު ހުރަސްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައެވެ.