ޚަބަރު

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑަކަށް، އިބްރާހިމް އަޙްމަދު ނާސިރު ހަމަޖައްސައިފި


މަރުކަޒީ ބޭންކުގައި ޤާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ހެޑަކަށް އިބްރާހިމް އަޙްމަދު ނާސިރު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ، މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އުފައްދާފައިވާ ފައިނޭންސް އިންތަލިޖެންސް ޔުނިޓް ހިންގުމުގެ އިސް ވެރިއެއްގެ ގޮތުގައި އިބްރާހިމް އަޙްމަދު ނާސިރު ހަމަޖައްސާފައިވާކަމަށެވެ.

އިބްރާހިމް އަޙްމަދު ނާސިރަކީ މާލީ ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. މިގޮތުން އިބްރާހިމް އަޙްމަދު ނާސިރު ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރެޓީޒް ޑިޕޮސިޓަރީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި އަޙްމަދު ނާސިރު ވަނީ މި ދެ ކުންފުނީގެ ސީއީއޯގެ މަޤާމުގައި 3 އަހަރު ޙިދުމަތްކުރައްވާފައެވެ.
އަޙްމަދު ނާސިރު ވަނީ ފުލުހުންގެ ޙިދުމަތުގައި 11 އަހަރު ޙިދުމަތްކުރައްވާފައެވެ.
އަދި އެމްއެމްއޭގެ ކްރެޑިޓް ގެރަންޓީ ޔުނިޓުގެ ހެޑް އަދި އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެއިތުރުން އަޙްމަދު ނާސިރު ވަނީ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ގެ މަޤާމާއި، ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އަދާކޮށްފައެވެ.

ތަޢުލީމީ ރޮގުން، ނާޞިރު ވަނީ ސްވިޑްންގެ އުޕްސަލާ ޔުނިވަރސިޓީ އިން ޕޮލިޓިކަލް ހިސްޓްރީގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި މީގެ އިތުރުން، ހަމަ އެޔުނިވަރސިޓީއިން އިކޮނޮމިކަލް ހިސްޓްރީގެ ރޮނގުން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވާފައި ވެއެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ހެޑަކަށް އިބްރާހިމް އަޙްމަދު ނާސިރު އައްޔަނުކުރައްވާފައިމިވަނީ، މިހާތަނަށް އެމަޤާމުގައި ހުންނެވި އަބްދުﷲ އަޝްރަފު އެމަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.