ޚަބަރު

ރައީސް ވައިކަރަދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. އެގޮތުން، ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކާއި، ކަރަންޓަށް ދިމާވާ މައްސަލަތައް ޚާއްޞަގޮތެއްގައި ފާހަގަ ކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވައިކަރަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.