މާފަންނު މަދަރުސާގެ 35 ވަނަ އަހަރީދުވަސް އެސްކޫލުން ކުލަގަދަކޮށް ފާހަގަކުރަން ފަށައިފިއެވެ.
މާފަންނު މަދަރުސާގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ޚާއްޞަ އެސެމްބްލީއެއް އެ ސްކޫލުގައި ބާއްވާފައިވާއިރު މިއަދު ހެނދުނު ވަނީ ޚާއްސަ ފަންޑޭ އެއްވެސް ބާއްވާފައެވެ.
މިއަދު ހެނދުނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިނަށް އަމާޒުކޮށްގެން ބޭއްވި ފަންޑޭ ފަށާފައިވަނީ ވޯމް އަޕް ކަސްތަރުތަކަކުންނެވެ. ވޯމް އަޕަށް ފަހު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތައް ވަނީ ރަސްފަންނު ސަރަޙައްދުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމްއެންޑީއެފްގެ ވޯޓަރ ސްލައިޑުގައި ދަރިވަރުންނާއި ބެލެނިވެރިން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާއިރު، މި ޙަރަކާތްތަކުގެ އިތުރުން ކުދިންނާއި ބެލެނިވެރިން ބައިވެރިވި ހެނދުނުގެ ނާސްތާއެއްވެސް ބާއްވާފައިވެއެވެ.
ހެނދުނު ހަތަކުން ދިހައަކަށް ކުރިއަށްގެންދިޔަ މިޙަރަކާތްތަކުގެ ތެރޭގައި ކުދިންނަށް މޫދަށް އެރިލާ އުފާކޮށްލާނެ މާޙައުލެއްވެސް ވަނީ ފަހިކޮށްދީފައެވެ.
މާފަންނު މަދަރުސާގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު އެސްކޫލްގެ އަމާޒަކީ ބަސްއަހާ ރަނގަޅު އަޚުލާގެއްގެ ވެރި ކުދިންތަކެއް މުޖުތަމާޢަށް ނެރުންކަމަށް އެސްކޫލުން ހާމަކުރެއެވެ. މާފަންނު މަދަރުސާގެ ލީޑިންގ ޓީޗަރ ފާތުމަތު ޔޫސުފް ވިދާޅުވީ ސްކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ސްކޫލްގެ އިސް ދަރިވަރުންނާއި ކުރީގެ މުވައްޒަފުންނަށް އަހަރީ ދުވަހާއި ގުޅިގެން ހިންގާ އެކި ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަހަރީ ދުވަހާ ގުޅުވައިގެން ޑިނަރ ނައިޓެއް ބޭއްވުމާއި ސްޓިކާ ވިއްކުންވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޑިނަރ ނައިޓުގެ ތާރީޚު ފަހުން ޢިއުލާނުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާފަންނު މަދަރުސާގެ އަހަރީ ދުވަސް އެކި ދުވަސްތަކަށް ބަހާލައިގެން ފާހަގަކުރަމުންދާއިރު މިއަދު ހެނދުނު ކުރިއަށްގެންދިޔަ ފަންޑޭގެ ޙަރަކާތްތަކުގައި ބައިވެރިވި ކުދިން ބުނީ މަޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު ކަމަށެވެ.
މާފަންނު މަދަރުސާއަށް 35 އަހަރު ފުރިފައިވާއިރު މިހާރު މިސްކޫލަކީ ނާސަރީއަށް ކިޔައިވައިދޭ ސްކޫލެކެވެ. 400 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންއަންނަ މާފަންނު މަދަރުސާއަކީ ނާސަރީއާއި ޕްރީ ސްކޫލަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ސްކޫލަށް 35 އަހަރުވީއިރު މާފަންނު މަދަރުސާއިން ވަނީ މިއަހަރު ސްޕެޝަލް ބޭބީ ނަރސަރީ ކްލާސްތަކެއްވެސް މިހާރު އެ ސްކޫލުގައި ފަށާފައެވެ. އެއް އަހަރާއި ހަމަހުގެ ކުދިންނަށް ކިޔަވައިދޭ މި ކްލާސްތައް މާލޭގައި ހިންގަން ފެށި ފުރަތަމަ ސްކޫލަކީ މާފަންނު މަދަރުސާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.