ޚަބަރު

އެސްއޯއެފުން ޑޮލަރު ވިއްކީ ލައިސަންސްނެތި


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ފާހަގަކުރެވިފައިވާ ކުންފުނި އެސްއޯއެފުން އެތައް މިލިއަން ޑޮލަރުގެ ފައިސާގެ މުޢާމަލާތް ހިންގިއިރު، އެކުންފުންނަކީ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނަގާފައިވާ ކުންފުންޏެއްނޫންކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަކަމަށްވާ، އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގައި އެސްއޯއެފުން ވަނީ ގާތްގަނޑަކަށް 60 މިލިއަން އެމެރިކާޑޮލަރުގެ މުޢާމަލާތް އެކި ކުންފުނިތަކާއިއެކު ހިންގާފައެވެ. މި މުޢާމަލާތުގެ ތެރެއިން އެކުންފުނިން ވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ރާއްޖޭގެ އެކި ފަންތީގެ ކުންފުނިތަކަށް ޑޮލަރު ވިއްކާފައެވެ.

މަރުކަޒީ ބޭންކްގެ ވެބްސައިޓުގައިވާގޮތުން އެންމެފަހުން ޢާއްމުކޮށްފައިވާ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް އޮތް ކުންފުނިތަކުގެ ލިސްޓުގައިވެސް އެސްއޯއެފްގެ ނަން ނެތްކަން ފާހަގަކޮށްލެވެއެވެ.
އޮނަވިހިސަތޭކަ އަށްޑިހަ ހަތްވަނަ އަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންއަންނަ މަނިޓަރީ ޤަވާއިދުގެ 3ވަނަ މާއްދާގައި ބުނެފައިވަނީ، ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ބޭރުފައިސާ ގަނެ ވިއްކުމާއި ބޭރުފައިސާ ގަނެ ވިއްކާކަމަށް ދެއްކުމަކީ މަނާކަމެއްކަމަށެވެ. މިކަމާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ 2015ވަނަ އަހަރުގެ ޖެނުއަރީމަހުގެ 13ވަނަ ދުވަހު އެސްއޯއެފުން ނެގި ނަމަވެސް ޖެހިގެންއައި އަހަރު އެހުއްދަ ވަނީ ބާޠިލްކޮށްފައެވެ.

އެސްއޯއެފް އެކައުންޓަށް އެކި ފަހަރުމަތިން ޖަމާކޮށްފައިވާ 60 މިލިއަނަށްވުރެ ގިނަ ޑޮލަރަކީ ޓޫރިޒަމް ވިޔަފާރިން ދައުލަތުގެ ބައިތުލްމާލަށް ވަންނަންޖެހޭފައިސާނަމަވެސް، މިފައިސާ އެކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އޭރު އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީ ހިންގަން ތިއްބެވި އިސްވެރިންގެ ނުފޫޒާއިއެކު އޭރުގެ ބަންޑާރަ ނައިބުގެ ލަފާގެ މަތިންކަން ޕީއެސްއެމްނިއުސްއަށްވަނީ މަޢުލޫމާތު ލިބިފައެވެ.

އޭސީސީން ނެރެ ޢާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓަށް ބަލާއިރު، ދައުލަތުގެ ބައިތުލްމާލަށް ވަންނަންޖެހޭ އެތައް މިލިއަން ޑޮލަރެއް އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވާއިރު، އެސްއޯއެފުން ވަނީ އެކި ކަންކަމުގައި މި ފައިސާ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކުގެ އެކައުންޓަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓުތަކަށް ޖަމާކޮށްފައެވެ.