ޚަބަރު

ނޫސްވެރިކަމުގެ އެވޯރޑަށް ނަން ހުށަހެޅުމުގެ ފުރަސަތު ހުޅުވާލައިފި


މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ހަމަހަމަ ކަންމަތީ ޚަބަރާއި މަޢުލޫތު ފޯރުކޮށްދިނުމަށް ބާރުއަޅައި، ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ ދާއިރާއިން ދޭ އިނާމު މިއަހަރު ނުވަ ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ޢިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރި އާއި އިޤުތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯގްރަފީ، ވީޑިޔޯގްރަފީ، ފީޗަރ ދާއިރާ އަދި އެންމެ އުއްމީދި ނޫސްވެރިޔާގެ އިނާމެވެ.

މި އެވޯރޑްތަކަށް ނަން ހުށަހެޅުމަށް މިއަދު ފުރުޞަތު ހުޅުވާލައިފައިވާއިރު، މި އިނާމްތަކަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚަކީ އަންނަ މާރޗް މަހުގެ 14 ވަނަ ދުވަހުގެ 1:30 ކަމަށް މީޑިއާކައުންސިލުން ބުނޭ.

މީޑިއާ ކައުންސިލުން ބުނެފައިވަނީ މިއަހަރުގެ އެވޯޑު ދިނުމުގައި އޮންލައިން/ޕްރިންޓްގެ ބަޔާއި ބްރޮޑްކާސްޓިން ބަޔަށް ވަކިވަކިން އެވޯޑުދިނުމަށް ނިންމާފައިވާކަމަށެވެ.

މިއަހަރުގެ މީޑިއާ ކައުންސިލްގެ އެވޯޑަށް، ކޮންމެ ވަކިނޫސްވެރިޔަކަށްވެސް ކުރިމަތިލެވޭނީ އެއް ދާއިރާއިންކަމަށް މީޑިއާ ކައުންސިލުންބުނެއެވެ. އަދި މިގޮތަށް ބަދަލު ގެނެސްފައިވަނީ ވީހާވެސް ގިނަ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ގިނަ ނޫސްވެރިންނަށް ކުރިއެރުމުގެ ފުރުސަތު ދިނުމަށްކަމަށް ކައުންސިލުން ބުނެއެވެ.

އަދި ހުރިހާ މީޑިއަމްއެއްގެ ނޫސްވެރިންނަށް ފުރުސަތު ދިނުމުގެގޮތުން އޮންލައިން/ޕްރިންޓު އަދި ބްރޯޑްކާސްޓިން ދާއިރާއަށް ވަކިން އެވޯޑުދޭން ނިންމާފައިވިޔަސް، އެންމެ އުންމީދީ ނޫސްވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ މި ހުރިހާ މީޑިއަމްގެ ތެރެއިންކަމަށް މީޑިއާކައުންސިލުން ބުނެއެވެ.

މީގެއިތުރުން މީޑިއާކއުންސިލުންދޭ ޚާއްސަ އިނާމުގެ ބައިގައި ނޫސްވެރިކަމުގެ ރަންގަލަން 15 ބޭފުޅަކަށް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފްގެ ގަލަން 6 ބޭފުޅަކަށް ދޭން މިފަހަރުވަނީ އެކައުންސިލުން ނިންމާފައެވެ.