މޯލްޑިވްސް ޑިމޮގްރާފިކް އެންޑް ހެލްތް ސަރވޭއިން އެއްކުރެވުނު މަޢުލޫމާތަކީ ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ލިބުނު މުހިންމު މަޢުލޫމާތުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
2016 އިން 2017 އަށް ރާއްޖޭގައި ހެދި މޯލްޑިވްސް ޑިމޮގްރާފިކް އެންޑް ހެލްތް ސަރވޭ އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ މި ސަރވޭއިން ލިބުނު މަޢުލޫމާތުތަކުން ދިވެހި މުޖުތަމަޢުގެ މިހާރުގެ އާންމު ހާލަތު ސާފު ވެގެންގޮސްފައިވާކަމަށެވެ.
2016 އިން 2017 އަށް ރާއްޖޭގައި ހެދި މޯލްޑިވްސް ޑިމޮގްރާފިކް އެންޑް ހެލްތް ސަރވޭ އިފްތިތާޙްކޮށްދެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސަރވޭގެ ރިޕޯޓާއި ޕްރޮފައިލް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ސަރވޭއިން ލިބުނު މަޢުލޫމާތާއެކު ސަރުކާރުގެ މުޢައްސަސާތަކުގެ އިތުރުން މި ސަރވޭގެ މަޢުލޫމާތުގެ ބޭނުން ހިފައި، ކޮންމެ ފަރުދަކުވެސް ދިރިއުޅުމުގެ އާދަތައް ބަދަލުކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް ރައްޔިތުން އަތުގުޅާލަންޖެހިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް ޑިމޮގްރާފިކް އެންޑް ހެލްތް ސަރވޭއިން ލިއްބައިދިން މަޢުލޫމާތާއިއެކު މިހާރު މުޖުތަމަޢުގެ ޢާންމު ޙާލަތު ސާފުވެގެން ހިގައްޖެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ރަނގަޅުކުރަންޖެހޭ އާދަތަށްވެސް ސާފުވެގެން ހިގައްޖެ. މިއާދަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުގެ މުޢައްސަސާތަކުގެ އިތުރުން ފަރުދުންގެ އެއްބާރުލުންވެސް ވަރަށް މުހިންމު." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވީ، 2016 އަދި 2017 ގެ ސަރވޭއާއި 2009ގެ ސަރވޭ އަޅާ ކިޔާލުމުން ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިއްޙީ ދާއިރާއާއި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން ހޯދި ކާމިޔާބީތައް ހާމަވެގެން ގޮސްފައިވާކަމަށެވެ.
އެގޮތުން ކުޑަކުދިންނަށް ގާތުން ކިރު ދިނުމާއި، ގެވެށި އަނިޔާއިން ރައްކާތެރިކުރުންފަދަ ދާއިރާތަކުން ރާއްޖެ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މި ސަރވޭއަށް ބަލާލާ ދެންމެ ދައްކައިދިން ރިޕޯޓުންވެސް އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ސާފުވެއްޖެ. އެގޮތުން 2009 ވަނަ އަހަރު މިފަދަ ފުރަތަމަ ސަރވޭ ރާއްޖޭގައި ހަދާފައިވާއިރު، މި ސަރވޭގައި މިވަނީ ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ހޯދާފަ. އެހެނަސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއްވެސް ހުރިކަން ފާހަގަކޮށްލެވޭ." މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.
މޯލްޑިވްސް ޑިމޮގްރާފިކް އެންޑް ހެލްތް ސަރވޭ އަކީ ޤައުމުގެ އާންމު ސިއްޙީ ޙާލަތާއި ދުޅަހެޔޮކަން ވަޒަންކުރުމުގެ ގޮތުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކުރާ ސަރވޭއެކެވެ.
މި ސަރވޭގެ ތެރެއިން ގޭބިސީތަކުގެ ޙާލަތާއި، ޤައުމުގެ ސިއްޙީ ދާއިރާގެ މަޢުލޫމާތުވެސްވަނީ އެއްކޮށްފައެވެ. އެގޮތުން މި ސަރވޭގައި ރާއްޖޭގެ ހަ ހާސް ފަންސާސް ގޭބިސީއެއްގައި އުޅޭ 15 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި ސުވާލުކޮށް ވަނީ މަޢުލޫމާތު މަޢުލޫމާތު އެއްކޮށްފައެވެ.