ވިޔަފާރި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސެފްއެމް ނިކުމެއްޖެ


ދިވެހިރާއްޖެއަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް އާބާދީގެ ނިސްބަތުން އެންމެ ހަލުއިކަމާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެދެމުން އަންނަ އެއް ޤައުމެވެ. ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުދި ވިޔަފާރިތަކުގެ ގޮތުގައި 15،000 ހާހަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށްފައި ވެއެވެ.

ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުވަމުން އަންނައިރު، އެ ވިޔަފާރިތަކަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގައި ކުރިއަށްދިއުމެވެ. މިފަދަ ވިޔަފާރިތައް ކުރިއެރުވުމުގައި ސަރުކާރާއި ތަފާތުއެކިއެކި ވިޔަފާރިތައް ހިއްސާވާ ޖަމިއްޔާ ޖަމާއަތްތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މިގޮތުން މިފަދަ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ އެންޑް އެންޓަރޕްރަނަރސް ފެޑަރޭޝަން އޮފް މޯލްޑިވްސް، (ސެފްއެމް) ނަމުގައި މުޅިން އައު ފެޑަރޭޝަނެއް މިވަނީ ވުޖޫދަށް އައިސްފައެވެ. އެވެ. ސެފްއެމް އަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ބޭފުޅުންކޮޅެއް އެކުވެގެން އުފައްދާފައިވާ ފެޑަރޭޝަނެކެވެ.

ސެފްއެމްގެ ހިންގުމަށް މިވަގުތު ހަރަކާތްތެރިވާ މެމްބަރުންނަކީ،
ޢަބްދުލް ލަތީފް - ރައީސް
ސައުދުﷲ އަހުމަދު - ނައިބު ރައީސް
އިބްރާހީމް އަލީ ޖަލީލް - ނައިބު ރައީސް
ހަސަން މަދްހީ - ޓްރެޒަރަރ
މުހައްމަދު ޢަބްދުލް ސައްތާރު - ސެކެރެޓަރީ ޖެނެރަލް

އެސްއެމްއީ އެންޑް އެންޓަރޕްރަނަރސް ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) ރަޖިސްޓްރީކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ޑިސެމްބަރމަހުއެވެ.
ސެފްއެމްގެ މައިގަނޑު މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މައުނަވީ ގޮތެއްގައި އެހީތެރި ވެދިނުމެވެ. މިގޮތުން ސެފްއެމް އަކީ ވިޔަފާރީގެ އިރުޝާދުތަކާއި، ސެމިނާތަކާއި، ފަންޑުހޯދައިދިނުމާއި، ރޯޑްޝޯ، އަދި ވިޔަފާރިގެ މައުރަޒުތަކާއި، އިންޑަސްޓްރީ ބެންޗްމާކްސް ގާއިމްކޮށް ކުދި އަދި މެދުފަންތީގެ ފަރާތްތައް އަގުވަޒަންކޮށް، ހައްގުވާ ފަރާތްތަކަށް މައުނަވީގޮތެއްގައި އެވޯޑް ދިނުމާއި، ފުރިހަމަ ރައްޔިތެއް ބިނާ ކުރުމަށްޓަކާ ގައުމުގެ އިޤްތިސާދު، އަދި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ހުރިހާ ސްޓޭކްހޯލްޑަރ އިންނާއި އެކު މަސައްކަތްކުރާނެ ފެޑަރޭޝަނެކެވެ.

ސެފްއެމްގެ މެމްބަރެއްގެ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ އަދި ކުރުމަށް ޤަސްދުކުރާ ފަރާތްތަކާއި، އެންޖީއޯތަކާއި ކޯޕަރޭޓް ސޮސައިޓީތަކަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ މީގެ އިތުރުން ބޮޑެތި އޯގަނައިޒޭޝަސްތަކަށްވެސް މި ފެޑަރޭޝަނުގެ ދޮރު ހުޅުވާލާފައިވާއިރު، ސެފްއެމްގެ މެމްބަރޝިޕާއި ގުޅޭ މައުލޫމާތު ސެފްއެމްގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

ސެފްއެމްގެ ވެބްސައިޓު

ސެފްއެމްގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ސެފްއެމްގެ ރައީސް ޢަބްދުލް ލަތީފް އިސްކޮށް ހުންނަވައިގެން ބައެއް އެސޯސިއޭޝަންތަކުގެ ހަރަކާތްތެރި މެމްބަރުން ހިމެނޭ 6 މެންބަރުންގެ ޑެލިގޭޝަނަކުން މިހާރު ވަނީ އިންޑިއާގެ ނިއުދިއްލީ އަށް ފުރާފައެވެ.

މިދަތުރުގައި އިންޑިއާގެ މަޝްހޫރު ވިޔަފާރި ޗެމްބަރުތަކާއި އެކިއެކި ފެޑަރޭޝަންސްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ރާއްޖޭގެ ވިޔަފާރިއަށް ހުރި އެކިއެކި ފުރުސަތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި އެ ޖަމިއްޔާތަށް ގުޅުވާލުމުގެ ފުރުސަތު ފަހި ކޮއްދިނުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ސެފްއެމްއިން ބުނެއެވެ.

ސެފްއެމްއިން ބުނާގޮތުގައި އެ ފެޑަރޭޝަނުގެ އުއްމީދަކީ، ރާއްޖޭގެ ކުދި ވިޔަފާރިވެރިންނަށް ވިޔަފާރީގެ މައިދާނުގައި ކުރިއަށްދިއުމަށްޓަކައި އަމަލީގޮތުން ނަތީޖާއެއް ވީހާވެސް އަވަހަކަށް ގެނެސްދިނުމެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގައިވެސް އެކިކަހަލަ ވިޔަފާރިއާއި ގުޅޭ ފޯރަމްތައް ބާއްވައި، ޖަޒީރާވަންތަ ގޮތެއްގައި ފުރުސަތުތައް ހުޅުވާލުމަށް މަގުފަހިކޮށްދިނުމެވެ.