ވިޔަފާރި

ގްލޯބަލް މަނީވީކްގެ މި އަހަރުގެ ހަރަކާތްތައް ކުލަގަދަވާނެ: ގަވަރުނަރު


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގްލޯބަލް މަނީވީކްގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ގްލޯބަލް މަނީވީކްގެ ހަރަކާތްތައް ފެށުމުގެ ގޮތުން ގްލޯބަލް މަނީ ވީކަށް ޚާއްސަކޮށްފައިވާ ފޭސްބުކު ޕޭޖްގައި އާއްމުކޮށްފައިވާ ވީޑިއޯ މެސެޖްގައި ގަވަރުނަރު ވިދާޅުވީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް އެމްއެމްއޭއިން އިސްނަގައިގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ. ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ މި ހަރަކާތުގެ އަމާޒަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިޤްތިސާދީ ހޭލުންތެރިކަން އިތުރުކުރުމާއި ފައިސާގެ މުހިންމުކަމާއި އިޤްތިސާދުކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

މީގެ އިތުރުން ކުޑައިރުއްސުރެ ކުދިންނަށް ފައިސާގެ މުހިއްމު ކަމާއި އިގްތިސާދުކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާދޭންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ގްލޯބަލް މަނީވީކް އަކީ ޗިލްޑްރަން އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ބޮޑު ކެމްޕޭނެކެވެ.

މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީވީކްގެ ހަރަކާތްތަށް ކުރިއަށްދާނީ މަރުކަޒީ ބޭންކްގެ އިސްނެގުމާއެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކުގައެވެ. މި އަހަރަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ސްކޫލްތަކާ ގުޅިގެން ހިންގާ އެކިއެކި ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ސްކިޓް ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން، ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހަވީރަކުންނެވެ.

ގްލޯބަލް މަނީވީކްގެ ރާއްޖޭގެ ހަރަކާތްތައް "ގްލޯބަލް މަނީވީކް މޯލްޑިވްސް" ފޭސްބުކް ޕޭޖުން ފެންނާނެއެވެ.

ގްލޯބަލް މަނީވީކްގެ ފޭސްބުކް ޕޭޖް

މި ޕޭޖްގައި ވަނީ 'ލައިކް ޝެއާ އެންޑް ވިން' ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000ރ ގެ ހަނދާނީ ނޫޓެއް ދިނުމަށް އެމްއެމްއޭ އިން ނިންމާފައެވެ.