ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ 10:30 ގައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނައި އިޞްލާޙު އުވާލުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އަބްދުﷲ ޖާބިރާއި، ޢަބްދުލް މާނިޢު ހުޞައިނެވެ. މި ދެބޭފުޅުންގެ ތެރެއިން ޖާބިރަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެން ބޭފުޅެކެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިޞްލާހެއް ހުށަހަޅާ ފާސްކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި މިހާރު ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގެ އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މެމްބަރެއްގެ ކެންޑިޑެސީ ބާތިލް ކުރަންވާނެ ކަމަށެވެ.
ޖާބިރާއި މާނިޢުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮންނަ އޮތުން ބާތިލްކޮށް ދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވިނަމަވެސް ޕާޓީގެ މެމްބަރުކަން ދޫކޮށްލުމަށް ފަހު، އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.