ޗެލްސީގެ ސަޕޯޓަރުން އެކުލަބުގެ ކޯޗަކަށް ގެންނަން ބޭނުންވަނީ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑު ކަމަށް މީޑިޔާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.
ސަޕޯޓަރުން ވަނީ މިހާރުގެ ކޯޗު މައުރީސިއޯ ސަރީ މަގާމުން ވަކިކޮށްފިނަމަ އެ މަގާމަށް ލަމްޕާޑު ގެނައުމަށް ގޮވާލައިފައެެވެ. ޗެލްސީ އަށް 11 އަހަރު ކުޅެދީ ގިނަ ތަށިތަކެއް ހޯދައިދިން ލަމްޕާޑު މިހާރު ކޯޗުކޮށްދެމުން ދަނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކުލަބަކަށެވެ.
ޗެލްސީގެ ކޯޗުގެ މަގާމާމެދު ސުވާލު އުފެދެން ފަށާފައިވަނީ މިހާރުގެ ކޯޗު ސާރީގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީ އަތުން ހަޔެއް ސުމަކުން ބަލިވެ ތާވަލްގެ ހަ ވަނައަށް އެޓީމް ވެއްޓުމުންނެވެ. ޓީމުގެ މިހާރުގެ ފޯމު ހުރި ގޮތުން އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތަކަށް ކޮލިފައި ނުވެދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.
މިހާލަތުގައި ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފާނެތޯ ސުވާލުކުރުމުން ސާރީ ބުނީ އެކަމާމެދު އޭނާ ނުވިސްނާ ކަމަށާއި ޓީމުގެ ވެރިޔާ ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗާ ވާހަކަ ދައްކަން އޭނާ ޝައުގުވެރިވާ ކަމަށެވެ.