ކުޅިވަރު

އޮފީސްތަކުގައި މަސައްކަތްކުރާ ޒުވާނުން، ކުޅިވަރުގެ ދާއިރާއަށް ނެރުމަށް ފުރުސަތުތައް ފަހިކޮށް ދޭން ޖެހޭ- ޓޫރިޒަމް މިނިސްޓަރ


އޮފީސްތަކުގެ މުވައްޒަފުން ހިމެނޭހެން އުފައްދާފައިވާ ޖަމިއްޔާތަކުން ކުޅިވަރުގެ ދާއިރާއަށް ހުނަރުވެރި އާ ޒުވާނުންތަކެއް ނެރުމަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ގޮވާލައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު މިގޮތަށް ގޮވާލާފައވަނީ، ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީސީގެ މުވައްޒަފުން ހިމެނޭހެން އުފައްދާފައިވާ ޖަމިއްޔާ، "މޯލްޑިވްސް ޓޫރިޒަމް ކުލަބު"ގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، އެ ކުލަބުން ބައިވެރިވާ ކުޅިވަރުގެ މުބާރާތްތަކުގައި ކުޅުންތެރިނަށް އަގު ދީގެން ޓީމަށް ނުގެންނާނެ ކަމަށާއި، ޓޫރިޒަމް ކުލަބަށް ކުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނީ ކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ނިއުރޭޑިއަންޓުގެ މެނޭޖަރެއްގެ އިތުރުން ބޭރުގެ ބައެއް އެކަޑަމީތަކުގައިވެސް މީގެކުރިން މަސައްކަތްކުރައްވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކުޅިވަރުގެ މައިދާނަށް ހުނަރުވެރި ޒުވާނުން ނެރެވޭނީ، ވަޒީފާ އަދާކުރާ ތަންތަނުން އެ ފުރުސަތު އެކުދިންނަށް ފަހިކޮށްދީގެންކަމަށެވެ.

"އަޅުގަނޑުމެންގެ ކުލަބުން ދޭނީ އެކުއްޖަކަށް ފުރުސަތު، މިކަމުގައި ކުރިއަށްދާން. ދެން އެކުއްޖެއްގެ ކަމެއް އެއީ ހުނަރު ދެއްކުން. އަޅުގަނޑުމެން އެކުދިނަށް ތަމްރީނުދީ، ކުޅެން ބޭނުންވާ ކިޓާއި ސާމާނު ދޭނަން" ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވިއެވެ.

ސޯލްޓް ކެފޭގައި ބޭއްވި އަހަރީ ޖަލްސާގައި ޝަރަފްވެރި މެޙެމާނެއްގެ ގޮތުގައި ރިސޯޓުތައް ހިއްސާވާ މަޓީގެ ބޯޑް މެމްބަރ އިބްރާހީމް ނޫރައްދީންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ހަފްލާގައި ވަނީ ކުލަބު ކުރިއެވުމުގައި މަސައްކަތްކޮށްދެއްވާ މެމްބަރުން ފާހަގަކޮށް ހަނދާނީ ފިލާ ދީފައެވެ.
ޓޫރިޒަމް ކްލަބުގައި ހިމެނޭ ތަންތަނަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އަދި މޯލްޑިވްސް އިންޓަގްރޭޑަޓް ރިސޯޓް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމްއައިޓީޑީސީ އެވެ. މޯލްޑިވްސް ޓޫރިޒަމް ކްލަބުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.