ޚަބަރު

އިންޑިއާ ސަރުކާރުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފި


އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ, އެ ފައިސާއަކީ މިދިޔަ ޑިސެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ފައިސާގެ ތެރެއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ފައިސާކަމަށެވެ. އެގޮތުން މި 50 މިލިއަން ޑޮލަރު، ހުސްވި ޖެނުއަރީމަހު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ 771 މިލިއަން ރުފިޔާއެވެ.

އިންޑިއާ ސަރުކާރުންވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުދޭން ނިންމާފައެވެ. މިފައިސާގެ ތެރެއިން ބަޖެޓު ސަޕޯޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ބޭނުންކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން 50 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ ހިލޭ އެހީއެވެ. އަދި 150 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބޮންޑަށް އިންވެސްޓްކުރުމަށް ސްޓޭޓް ބެންކް އޮފް އިންޑިއާ މެދުވެރިކޮށް ހުޅުވާލި އެހީކަމަށާއި އެއީ %1.5 އިންޓްރެސްޓް ރޭޓުގައި 2 އަހަރު ދުވަހުގެ މުއްދަތަކަށް ލިބުނު އެހީއެއްކަމަށް މިނިސްޓަރ މީގެކުރިންވަނީ ވިދާޅުވެފައިވެއެވެ.