ކުޅިވަރު

ވިކްޓްރީ ސަސްޕެންޑްކޮށްފާނެތީ ބިރެއް ނުގަނޭ - ނާޝް


އެފްއޭއެމްގެވެރިން ބަދަލް ކުރުމަށް ވިކްޓްރީން އިސްނެގުމުން ކުލަބް ސަސްޕެންޑްކޮށްފާނެ ކަމުގެ އެއްވެސް ބިރެއް ނެތްތަކަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ބުނެފިއެވެ. އެފްއޭއެމްގެ ލީޑާޝިޕްއާއި މެދު ހިތްހަމަނުޖެހިގެން، އެކްސްޓްރ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ވިކްޓްރީންވަނީ 19 ކުލަބެއްގެ ސޮއިއާއެކު އެފްއޭއެމަށް ހުށައަޅާފައިއެވެ. އެކްސްޓްރާ އޯޑަނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި އެފްއޭއެމަށް ހުށައަޅާފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ވައިސް ޗެއާމަން މައުރޫފް އަޙުމަދު (މާއްޓޭ)އެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރުމަށް ވަރަށް ގިނަ ކުލަބްތަކުން އެދޭކަމަށާއި ވިކްޓްރީން މިކަން ކުރުމަށް އިސްނަގަން ޖެހުނީ، މިކަން ކުރުމަށް އެންމެ ކުރިން މަސައްކަތް ކުރި ނިއުރޭޑިއަންޓް އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާތީއެވެ. ނާޝިދު ވިދާޅުވީ ވޯޓްލެވޭ 24 ކުލަބްގެ ތެރެއިން 19 ކުލަބުން މިކަމަށް އެދުމުން އެއީ އެފްއޭއެމް ފެއިލްވެފައިވާކަން ދައްކުވައިދޭކަމެއްކަމަށާއި ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް އެފްއޭއެމްގެ ލީޑަރޝިޕް ބަދަލް ކުރަންޖެހޭކަމަށެއެވެ.
"މިއީ އެއްވެސް ވަރަކަށް ވިކްޓްރީ ސަސްޕެންޑް ކުރަންޖެހޭ ވަރުގެ ކަމެއް ނޫން. އެފްއޭއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. ވިކްޓްރީ ސްޕޯޓްސް ކުލަބްގެވެސް ދަރަނި އެބަހުރި. ކުޅުންތެރިންނަށްވެސް މުސާރަ ނުދެވި އެބަހުރި. އަޅުގަނޑުމެން މިބަލަނީ އެދަރަނި ތައްކަން. އަޅުގަނޑުމެންނަކީ ކުލަބްއެއް. އަޅުގަނޑުމެންނަށް އެދަރަނި ދެއްކޭނެ. އަޅުގަނޑުމެން އެފްއޭއެމްއަށް އެއްބާރުލުންދެން. ދެން ބޭނުންވަނީ އެފައިސާ ދެއްކޭނެ ގޮތެއް ހޯދުން."

އެފްއޭއެމުންވަނީ މިއަންނަ މަހުގެ 25ވަނަ ދުވަހު ކޮންގްރެސްއެއް ބާއްވަން ތާވަލްކޮށްފައެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ވޯޓް ލެވޭ 50 އިން ސައްތަ ކްލަބްތަކުން އެފްއޭއެމްގެ އެކްސްކޯ ބަދަލުކުރުމަށް ހުށަހަޅައިފި ނަމަ 15 ދުވަހުގެ ތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި މައްސަލަތައް އެޖެންޑާކުރަން ޖެހެއެވެ.