ކުޅިވަރު

އެފްއޭއެމްގެ ވެރިން ބަދަލުކުރަން ވިކްޓްރީން މައްސަލަ ހުށަހަޅައިފި


އެފްއޭއެމްގެ ލީޑާޝިޕްއާއި މެދު ހިތްހަމަނުޖެހިގެން، އެކްސްޓްރ އޯޑިނަރީ ކޮންގްރެސްއް ބާއްފައި ދިނުމަށް އެދި 19 ކުލަބްއެއްގެ ސޮއިއާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެފްއޭއެމަށް ހުށައަޅައިފިއެވެ.

އެކްސްޓްރާ އޯޑަނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި އެފްއޭއެމަށް ހުށައެޅުއްވީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ވައިސް ޗެއާމަން މައުރޫފް އަޙުމަދު (މާއްޓޭ)އެވެ. ވިކްޓްރީން މިމައްސަލަ އެފްއޭއެމަށް ވައްދާފައިވަނީ ވޯޓް ލެވޭ 24 ކުލަބްގެ ތެރެއިން 19 ކުލަބެއްގެ ސޮއިއާއެކުގައެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުން އެފްއޭއެމްގެ މިހާރު ލީޑަރޝިޕާއި މެދު ހިތްހަމަ ނުޖެހިގެން މިމައްސަލަ ވައްދާފައިވާއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންވެސް މިކަން ކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެޓީމްގެ ސީނިއާރ ބައެއް ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުން އެފްއޭއެމުންވަނީ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައެވެ.

މައްސަލަ ހުށައެޅުމަށްފަހު ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މިހުށައެޅީ މައިގަނޑު 7 ޕޮއިންޓެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. މިއަދު ވިކްޓްރީ ސްޕޯޓްސް ކުލަބުން މިކަން ކުރަން މިޖެހުނީ އެއްވެސް ވަރަކަށް ފުޓްބޯޅަ ހިންގުމަށް މިހާރު އެފްއޭއެމްގެ ލީޑާރޝިޕުން މަސައްކަތް ނުކުރާތީކަމަށާއި ކުލަބްތައް ހިންގުމަށް އެތަށް ގޮތަކުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރުވެސް އެފްއޭއެމްގެ ލީޑާރޝިޕްގެ އެއްބާރުލުމެއް ލިބިފައިނުވާތީކަމަށް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ އެފްއޭއެމް ހައުސް ތެރޭގައި ސިޔާސީ ހަރަކާތްތަށް ހިންގާ މުޅިތަން ސިޔާސީ ވެގެންގޮސް، އެފްއޭއެމް ސިޔާސީވުމުންކަމަށެވެ.

އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާއިދިނުމަށް އެދި ހުށަހާޅާފައިވާ ކުލަބުތަކަކީ ނިއުރޭޑިއަންޓް، ވިކްޓްރީ، ކުލަބް ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޓީސީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ރޮކް ސްޓްރީޓްސް، ކުލަބު ޕީކޭ، ޒެފްރޯލް، ފޯކައިދޫ، މަހިބަދޫ ސްޕޯޓްސް ކުލަބް، އޮފް ފުޓްބޯޅަ ކުލަބު، ކުޑަހެންވޭރު ޔުނައިޓެޑް، ޖޭޖޭ ސްޕޯޓްސް ކުލަބުގެ އިތުރުން ބީޖީ ސްޕޯޓްސްއެވެ.

ވިކްޓްރީން އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް ހުށަހަޅާފައިވާއިރު، އެފްއޭއެމުންވަނީ މިއަންނަ މަހުގެ 25ވަނަ ދުވަހު ކޮންގްރެސްއެއް ބާއްވަން ތާވަލްކޮށްފައެވެ. މި ކޮންގްރެސްއަކީ އެފްއޭއެމްގެ އަހަރީ ބަޖެޓް ފާސް ކުރުމަށް ބާއްވާ ކޮންގްރެސްއެކެވެ. މީގެ އިތުރުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް އައްޔަނުކުރި މެމްބަރުންކަމަށްވާ މާޒިޔާގެ ސީއީއޯ ހުސައިން ޝިފާއު (ކޮކީ) އާއި އީގަލްސްގެ ޖެނަރަލް ސެކެޓްރީ މުފައްވިޒް ހާޝިމް (މުފާ) އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމްއަށް ކުލަބުތަކުގެ ރުހުން އޮތްތޯ ބެލުމަށް މިކޮންގްރެސްގައި ވޯޓް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ކޮންގްރެސްއަށް ކަންކަން އެޖެންޑާ ކުރާނީ އެކްސްކޯއިންކަމަށެވެ.