ޚަބަރު

އެންޓި ކޮރަޕްޝަނާއި ގުޑް ގަވަރންސް ޕްރޮގްރާމެއް ފަށައިފި


އިންތިޚާބީ މަޤާމުތަކާއި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ރައީސް އޮފީހުން "އެންޓި ކޮރަޕްޝަން އެންޑް ގުޑް ގަވަރނެންސް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

ނެޝަނަލް އަރޓް ގެލަރީގައި އޮތް މިޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި އިތުބާރުހުރި މުޢައްސަސާތަކަށް އެތަންތަން ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމާޒެއްކަމަށެވެ.

އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ދެނެގަނެ އެކަންކަން ނައްތާލުމަށްޓަކައި ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށްޓަކައި މުއައްސަސާތަކުން އެމުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންޓި-ކޮރަޕްޝަން އެންޑް ގުޑް ގަވަރނެންސް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދައުލަތުގެ އިސް މަޤާމްތައް ފުރުއްވާ ބޭފުޅުންނަށް ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭނެ ކަންތައްތަކާއި ހިންގުމުގެ ނިޒާމާއި ބެހޭގޮތުން މަޢުލޫމާތުދިނުމަށް ކުރިއަށްގެންދާ ދެ ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޓަރނޭޝަނަލް ރިޕަބްލިކް ކޮމިޝަންގެ ބޭފުޅުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ވަސީމާ އަބްދުﷲ ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ އެންޓި-ކޮރަޕްޝަނާއި ގުޑް ގަވަރނެންސް ޕްރޮގްރާމް ކުރިއަށްއޮތް ތާނގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެކި މަޤާމުތައް ފުރުއްވާ ބޭފުޅުންނަށް އަދި މި ޕްރޮގްރާމުގެ ދަށުން މިދާއިރާއާއި ގުޅޭ މުހިއްމު މަޢުލޫމާތުދައް ފޯރުކޮށްދެއްވުމަކީ ރައީސް އޮފީހުގެ އަމާޒެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސަރުކާރުގެ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.