ޚަބަރު

ތާޖުއްދީން ސްކޫލަށް 30 އަހަރު


ތާޖުއްދީން ސްކޫލްގެ 30ވަނަ އަހަރީ ދުވަހާ ގުޅިގެން ރަސްފަންނު ސަރަޙައްދުގައި ޚާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ. މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީއެވެ. މިނިސްޓަރ ޢައިޝަތު ޢަލީއާއެކު މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތާޖުއްދީން ސްކޫލްގެ 30ވަނަ އަހަރީ ދުވަހާ ގުޅިގެން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދަޅުވީ ވޭތުވެދިޔަ 30 އަހަރުދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުން ނުކުތް ދަރިވަރުން ދަނީ ޤައުމު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންކަމަށެވެ.

ދަރިވަރުންނަށް ރަނގަޅު މުސްތަޤުބަލެއް ބިނާކުރުމަށް ނަސޭޙަތް ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތާޖުއްދީން ސްކޫލްގެ ބާނީ، އަލްޤާޟީ ޙަސަން ތާޖުއްދީން މަޝްހޫރުވެވަޑައިގެންފައިވަނީ އެމަނިކުފާނުގެ ފަނޑިޔާރުކަމަށް އެކަނި ނޫންކަމަށާ އެމަނިކުފާނު މަޝްހޫރުވެވަޑައިގެންފައިވަނީ މުޖުތަމަޢުގެ ލާބަޔާއި ޤައުމުގެ ކުރިއެރުވުމަށްޓަކައި ކޮށްދެއްވި ޢާއްމު ޚިދުމަތްތަކުގެ ސަބަބުންކަމަށެވެ.

އަލްޤާޟީ ޙަސަން ތާޖުއްދީންގެ ޙަޔާތްޕުޅުން މިސާލުނަގައި އެފަދަ ޝަޚުސިއްޔަތަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގަތެވެ. އަދި ކޮންމެ ކުއްޖަކީވެސް އަމާޒެއްއޮތް މުޖުތަމަޢަށް ފައިދާހުރި ކުއްޖަކަށްވުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ވިދާޅުވީ އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ތާޖުއްދީން ސްކޫލްގައި ކާމިޔާބުކަމާއެކު މީގެކުރިންވެސް ކުރިއަށް ގެންގޮސްފައިވާ ކަމެއްކަމަށެވެ. އެގޮތުން އަވަސް މުސްތަޤުބަލެއްގައި ތާޖުއްދީންގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ތާޖުއްދީން ސްކޫލަށް 30އަހަރުފުރުމާ ގުޅިގެން ބޭއްވި ޚާއްސަ އެސެމްބްލީގައިވަނީ އަހަރީ ދުވަހާއި ގުޅިގެން ޚާއްސަ ލޯގޯއެއްވެސް ތަޢާރަފުކޮށްފައެވެ. އަދި އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލޯގޯ ފަރުމާކުރި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންނަށާއި ޓީޗަރުންނަށް ވަނީ ހަނދާނީ ލިޔުމާއި ތަށި ޙަވާލުކޮށްފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ޚާއްސަ ކޭކެއް ސްކޫލަށް ހަދިޔާކޮށްފައިވާއިރު ދުވަހާގުޅޭ ޓީޝާޓެއްވެސްވަނީ ތަޢާރަފުކޮށްފައެވެ. ތާޖުއްދީން ސްކޫލަށް 30 އަހަރުވެފައިވާއިރު މިސްކޫލް ހުޅުވީ 1989 އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.