ވިޔަފާރި

އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް މަސީން އަތޮޅުތެރެއަށް


ކޮންސްޓްރަކްޝަން ދާއިރާއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް މަސީގެ ފަރާތުން އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ވަނީ އަރިއަތޮޅު ދެކުނުބުރީގެ 7 ރަށަކަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންނާއި އެކުގައި ބޭއްވި ބައްދަލުވުން ތަކުގައި މަސައްކަތް ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުއެޅުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކައި، މަސީގެ ފަރާތުން ނެރެފައިވާ ޢިމާރާތްކުރާ ތަންތަނުގެ ސަލާމަތާއި، ރައްކާތެރިކަމުގެ ގައިޑް ލައިން ކައުންސިލްތަކާއި ހިއްސާކޮށްފައެވެ. އަދި ކޮންސްޓްރަކްޝަން ޤާނޫނުގެ ދަށުން ގެޒެޓްކުރި ޤަވާޢިދާއިބެހޭ މަޢުލޫމާތުވެސް ވަނީ ދީފައެވެ.

ޖެނުއަރީމަހުގެ 31 އިން ފެބްރުއަރީމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރި ދަތުރުގައި މަސީގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އެ އެސޯސިއޭޝަންގެ ރައީސް ޢަބްދުﷲ މުޙައްމަދެވެ.

ކޮންސްޓްރަކްޝަން ދާއިރާއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ސެޝަންތައް މަސީގެ ފަރާތުން ވަނީ އަތޮޅު ކައުންސިލްތަކާއި ރަށްރަށުގެ ކައުންސިލްތަކާއި، ރަށްރަށުގެ ޢިމާރާތްކުރާ މަސައްކަތްތެރިންނާއި، ސްކޫލް މަދަރުސާތަކުގެ ސެކަންޑަރީ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރީންނަށް އަމާޒްކޮށް ހިންގާފައެވެ.

އެގޮތުން ކޮންޓްރެކްޓަރުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ޙައްލުގެ މައްޗަށް ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން މި ވަފުދުގެ ފަރާތުން ވަނީ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ކުދީންނާއި، ބައެއް ރަށްރަށުގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައި ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތުދީފައެވެ. އަދި މިދާއިރާއިން ވަޒީފާތަކަށް މަތީތަޢުލީމާއި ތަމްރީނު ހޯދާނެމަގުތައް އޮޅުންފިލުވައިދީ މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ހިލޭ ކޯސްތަކުގެ މަޢްލޫމާތުވެސް ވަނީ ދީފައެވެ.

މިދަތުރުގައި އދ. އަތޮޅުގެ ހަންޏާމީދޫ، މަހިބަދޫ، ދަގެތި، ދިގުރަށް، ދިއްދޫ، މާމިގިލި އަދި ފެންފުށްޓަށް މަސީގެ ވަފްދުގެ ބޭފުޅުންވަނީ ޒިޔާރަތްކޮށްފައެވެ.